ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާގައި ގުޅިގެން އެ ހަމަލާ ދިން ސަރަހައްދުން ޝައްކުވާ ގޮތަކަށް އަމަލުތައް ހުރި ހަތަރު މީހަކު ދެނެގަނެވިފައިވޭކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، އެ ހަމަލާ ދިން ސަރަހައްދުން ބައެއް މީހުން ޝައްކުވާ ގޮތަކަށް އަމަލުތައް ހުރެގެން އޭގެ ތެރެއިން ހަތަރު މީހަކު ދެނެގަނެވިފަވާ ކަަމަށެވެ.

Ad
rt

ސީޕީ ވިދާޅުވީ، އެ ހަމަލާގެ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ރޭ 8:35 ގައި ކަމަށެވެ. ރިޕޯޓް ލިބުނުތާ ދެ މިނެޓްގެ ތެރޭގައި ފުލުހުން މި ހާދިސާ ހިނގި ސަރަަހައްދަށް ގޮސް، އެ ސަރަހައްދު ބަންދުކޮށް، ބަލާ، ކްލިއާކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

އެމްއެންޑީއެފުން އެސެސް ކުރުމަށް ފަހު ސީން ފުލުހުންނާ ހަވާލުކޮށްފައި ވަނީ ރޭ 9:50 ގައި ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

މި ހަމަލާއާ ގުޅިގެން ނަޝީދުގެ އިތުރުން ހަތަރު މީހަކަށް އެކިވަރުގެ އަނިޔާވިކަމަށް ސީޕީ ވިދާޅުވިއެވެ.

ރޭގެ މި ހަމަލާއާ ގުޅިގެން ފުލުހުންގެ އިންޓެލް އަށް އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވާކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

"ނުރައްކާތެރި ހަމަލާތައް ދެވޭނެ ގާބިލް މީހުން މުޖުތަމައުގެ ތެރޭގައި އެބަ އުޅެމުންދޭ، ބައެއް މީހުން ޖަލުގައި އަނެއް ބައި މީހުން މިނިވަންކޮށް، އެހެންވީމަ މިފަދަ ވެއްޓެއްކަ އެ ނުރައްކާ އޮންނާނެ، ފުލުހުން ގެންދާނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް އަޅަމުން" ސީޕީ ވިދާޅުވިއެވެ.

މި ހަމަލާގެ ތަހުގީގު އޮތީ އަދި ވަރަށް ކުރީގެ މަރުހަލާގައިކަން ފާހަގަކުރަށްވާ ސީޕީ ހަމީދު ވިދާޅުވީ، މިއީ ޓެރަރިޒަމް ހަމަލާއެއް ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮޮމިޝަނަރު މުހަންމަދު ރިޔާޒް ވިދާޅުވީ، މިހާތަނަށް ރަސްމީކޮށް އެހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލި ކަމުގެ ރިކޯޑެއް ނެތްކަމަށެވެ. އަދި މިހަމަލާއާއި ގުޅިގެން ޝައްކު ކުރެވޭ މީހުން ހައްޔަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވެސް ފުލުހުން ކުރައްވަމުން ގެންދަވާ ކަމަށެވެ.