ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާގައި، އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު އަނިޔާތަކާ ގުޅިގެން މިހާތަނަށް ކުރެވުނު ސާޖަރީތައް ކާމިޔާބު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ބުނީ، ސާޖަރީތައް ކާމިޔާބު ނަމަވެސް އަދި އަދިވެސް މުހިއްމު އެއް ޕްރޮސީޖަރ ހަދަންޖެހޭކަމަށެވެ.
ނަމަވެސް އެ ސާޖަރީތަކުގެ ތަފްސީލެއް އެ ހޮސްޕިޓަލުން އަދި ހާމައެއް ނުކުރަށްވަ އެވެ.
ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށް ރޭ ވަނީ އެއްޗެއް ގޮއްވާލާފައެވެ. މި ހާދިސާއާ ގުޅިގެން ލިބުނު ޒަހަމުތަކަށް ފަރުވާއަށް ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 8:30 ގައެވެ. އެ ހޮސްޕިޓަލުން ބުނީ ހަށިކޮޅަށް ގިނަ ޒަހަމުތަކެއް ލިބިފައިވަނިކޮށް މިރޭ 8:30 ގައި އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.
President Mohamed Nasheed has so far had multiple successful surgeries since he was brought to the hospital. He is still due to undergo one more essential procedure.
— ADK Hospital (@ADKHospital) May 7, 2021
މިހަމަލައާއި ގުޅިގެން ފުލުހުންނަށް މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ފުލުހުންނަށް ހޯދިފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް މި ހަމަލާ ތަހުގީގުކުރަމުން މިދަނީ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. އަދި އެ ހަމަލާ އެންމެ ބޮޑު އިސްކަމެއްދީގެން ތަހުގީގުކުރަމުން ގެންދަވާކަން ހާމަކޮށް ފުލުހުން ވިދާޅުވީ، ތަހުގީގު ދާއިރާއިންނާއި ފޮރެންސިކްސްގެ ތެރެއިން ފުލުހުންނަށް ލިބެންހުރި ހުރިހާ ވަސީލަތެއް އެ މައްސަލައިގެ ތަހުގީގަށް ބޭނުންކުރަށްވަމުން ގެންދަވާ ކަމަށެެވެ.
ރައީސް ނަޝީދަށް ދެވުނު މިހަމަލާ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ސިފަކުރަށްވާފަ ވަނީ، ރާއްޖޭގެ ޑިމޮކްރަސީ އާއި އިގްތިސާދަށް ދިން ހަމަލާއެއް ކަމަށެވެ.
"މި ޙަމަލާގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށްޓަކައި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން މިއަންނަނީ ހޯދަމުން. މިގޮތުން، އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް މި ތަޙްޤީގުގައި ބައިވެރިވުމަށް، އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ޙަމަލާގެ ތަޙުޤީޤު ވީހާވެސް އަވަހަށް ނިންމައި، މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތައް، ޢަދުލުއިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަޙުޤީޤީ އިދާރާތަކަށް އަޅުގަނޑު މިހާރު އަންގައިފިން." ރޭ ރައީސް ޞާލިޙް ވިދާޅުވިއެވެ.
މި ހަމަލާއާއި ގުޅިގެން ރޭ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ވެސް ކުރިއަށް ގެންދިޔައެވެ. އަދި ރައީސް ޞާލިޙް ވަނީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލާވެސް ރޭ ބައްދަލު ކުރަށްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!