ތިލަދުންމަތީގެ ހދ. މަކުނުދޫ، ނޭކުރެންދޫ، ނެއްލައިދޫ އަދި ށ. ފޭދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރަން މިއަދު ހަވާލުކޮށްފިއެވެ.

މި ހަތަރު ރަށުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ހަވާލުކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް ރަޝީދު ކާރޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ.

Ad
rt

މީގެތެރެއިން މަކުނުދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރި އަގަކީ، 56،153،880.76 ރުފިޔާއަށެވެ. ނޭކުރެންދޫގެ އަގަކީ 46،063،309.37 ރުފިޔާއެވެ. އަދި ނެއްލައިދޫގެ އަގަކީ 48،064،099.77 ރުފިޔާއެވެ.

ފޭދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރި އަގަކީ، 45،390،210.12 ރުފިޔާއެވެ.

މި މަޝްރޫޢުތަކުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް

  • ސާރވޭކުރުން
  • އީ.އައި.އޭ މަސައްކަތް
  • ފެނާއި ނަރުދަމާ ނިޒާމް ފަރުވާ ކުރުން
  • ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުން
  • އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް
  • ސީ އައުޓް ފޯލް އެޅުން
  • އިދާރީ އޮފީސް ޤާއިމްކުރުން
  • ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން

މި މަޝްރޫޢުތަކަށް ޖުމްލަ 195،671،500.02 ރުފިޔާ ޚަރަދުވާނެއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ 660 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫޢުތަކަކީ އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑު)އިން 77 އިންސައްތަ އަދި ދިވެހި ދައުލަތުގެ ބަޖެޓުން 23 އިންސައްތަ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ.