ށ. ފޯކައިދޫ މާކަރީ ބޯޓުގެ ފަޅުވެރިއެއް ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެ ބޯޓުގެ ހުރިހާ ފަޅުވެރިންނާއި، އެ ބޯޓުން ދަތުރުކުރި ދަތުރުވެރިއެއް 14 ދުވަހަށް ކަރަންޓީނުކޮށްފިއެވެ.
ފޯކައިދުއާއި، އެ އަތޮޅު ބައެއް އެހެން ރަށްރަށާއި، މާލެ އާއި ދެމެދު ދަތުރުކުރާ އެ ބޯޓުގެ ފަޅުވެރިއަކު ޕޮޒިޓިވްވިކަން އެނގުނީ މިއަދުއެވެ.
ފޯކައިދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު އަޙްމަދު އަންވަރު "ތިލަދުން"އަށް ވިދާޅުވީ، މާކަރީ ބޯޓުން މާލެއިން ފޯކައިދުއަށް އައި މަގުމަތީ ފީވަކު ބަނދަރުގައި އޮއްވައި އާންމު ފަރާތަކުން ގުޅައި، އެ ބޯޓުގައި ކޯވިޑް ބަލީގެ އަލާމާތްހުރި ފަޅުވެރިއެއް ހުރިކަމުގެ މައުލޫމާތު ފޯކައިދޫ ސިއްހީ މަރުކަޒާ ހިއްސާ ކުރިކަމަށެވެ.
"މާކަރީ ބޯޓުގައި ބަލީގެ އަލާމަތްތައް ހުރި ފަޅުވެރިއެއް ހުރިކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ދިނީ އާންމު ފަރާތަކުން، އޭރު ބޯޓު އޮތީ ފީވަކުގައި، ބޯޓު މިރަށަށްއައިއިރު ސިއްހީ މަރުކަޒު ޓީމު ތިބީ ބަނދަރަށް ނުކުމެ، އެ ބޯޓުން އެއްވެސް މީހަކު އެއްގަމަށް ނުފައިބާ، ދެން އަޅުގަނޑުމެން އަލާމާތްހުރި ފަޅުވެރިޔާގެ ސާމްޕަލް ނެގީ، މިއަދު ނަތީޖާ ލިބުނުއިރު އޭނާ ޕޮޒިޓިވް" އަންވަރު ވިދާޅުވިއެވެ.
އެ ފަޅުވެރިޔާއަކީ ފޯކައިދޫއަށް ނިސްބަތްވާ މީހެކެވެ. އޭނާއާއިއެކު އެ ބޯޓުގައި ތިބި 9 ފަޅުވެރިންނާއި، އެ ބޯޓުން އެ ރަށަށްއައި ދަތުރުވެރިއެއް ވެސް މިހާރު ވަނީ 14 ދުވަހަށް ބޯޓުގައި ކަރަންޓީނުކޮށްފަ އެވެ.
"އެ ބޯޓު މިރަށުން ފުރީ ނިމުނު ހަފްތާގެ އަންގާރާގައި، ރަށަށް މިއައީ މިހަފްތާގެ އަންގާރާގައި، އެހެންވީމަ އޭގެ ކުރިން ވެސް އޭނާ ޕޮޒިޓިވްވެފަ ހުރުމުގެ ފުޞަތު އޮތީމަ މިކޮޅުގަ ތިބި އޭނާގެ ޢާއިލާ މީހުން ކުރެ އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނުނުތޯ، އަދި އޭނާއާއި ބައްދަލުވި މީހުންނަކީ ކޮބައިތޯ ދެނެގަނެ، ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިދަނީ ކުރަމުން" އަންވަރު ވިދާޅުވިއެވެ.
ފޯކައިދޫ މާކަރީ ބޯޓުގެ ފަޅުވެރިއެއް ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެ ބޯޓުގެ ހުރިހާ ފަޅުވެރިންނާއި، އެ ބޯޓުން ދަތުރުކުރި ދަތުރުވެރިއެއް 14 ދުވަހަށް ބޯޓުގައި ކަރަންޓީނު ކުރިއިރު، އިއްޔެ ވަނީ އެ އަތޮޅު ފުނަދޫ ސޯސަން އެކްސްޕްރެސް ބޯޓުން ދެ މީހަކު ޕޮޒިޓިވްވެ އެ ބޯޓުގެ ހުރިހާ ފަޅުވެރިން ވެސް 14 ދުވަހަށް ބޯޓުގައި ކަރަންޓީނުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!