ފިތުރު ޢީދު ދުވަހާއި ގުޅުވައިގެން ހދ.ކުމުންދޫ ކައުންސިލާއި، އެ ރަށު ބީޗް ސިޓީ ސްޕޯޓްސް ކުލަބް ގުޅިގެން "ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖް 2021" ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތަށް ވާންފަށައިފިއެވެ.

މި މުބާރާތަކީ ކުމުންދޫގައި ހުރި ސަރުކާރުގެ އޮފީސްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މޭމަހުގެ 13 ވަނަ ދުވަހު (ފިތުރު ޢީދުދުވަސް) ކުމުންދޫ ފުޓްސަލް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ކުމުންދޫގައި ހުރި ސަރުކާރުގެ ފަސް އޮފީހަކުން ވަނީ ބައިވެރިވެފައެވެ. އެ އޮފީސްތަކަކީ ކުމުންދޫ ކައުންސިލްގެ އިދާރާ، ކުމުންދޫ ހެލްތު ސެންޓަރ، ކުމުންދޫ ސްކޫލް، ކުމުންދޫ ފެނަކައިގެ އިތުރުން ކުމުންދޫ އެމް.ޑަބްލިއު.އެސް.ސީ އެވެ.

Ad
rt

ބީޗް ސިޓީ ސްޕޯޓްސް ކުލަބުގެ ފަރާތުން ރަށުގައި މިފަދަ މުބާރާތެއް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު މަޤުޞަދަކީ ކުޅިވަރުގެ ތެރެއިން މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އަދި ފުޓްސަލް ރަށުގައި ކުރިއެރުވުން ކަމުގައި އެ ކުލަބުން މަޢުލޫމާތު ދީފައިވެއެވެ. އަދި މިއީ ރަށުގެ އޮފީސްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ ފުރަތަމަ މުބާރާތްކަމަށް ވީނަމަވެސް އެ ކުލަބުގެ މަޤުޞަދަކީ ކޮންމެ އަހަރަކު ވެސް މި މުބާރާތް ކުރިއަށް ގެންދިއުމެވެ.

އެ ކުލަބުގެ ފަރާތުން ވަނީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ސްޕޮންސަރުންގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި މި މުބާރާތުގެ މެއިން ސްޕޮންސަރ ޑައިރެކްޓް ލޮޖިސްޓިކް ސާވިސްއަށް އެ ކުލަބުން ވަނީ ހާއްސަޝުކުރެއް އަދާކޮށްފައެވެ. މި މުބާރާތް ކުމުންދޫ ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދާއިރު، އެ ފަރާތުން ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކަށް އެ ކުލަބުން ވަނީ ކައުންސިލަށް ވެސް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ފެންވަރުގައި ހިންގޭ އަދި ރަށު ފެންވަރުގައި ހިންގޭ ގިނަ ފުޓްބޯޅަ އަދި ފުޓްސަލް މުބާރާތްތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޑައިރެކްޓް ލޮޖިސްޓިކްސް ސާވިސްއެވެ. މި މުބާރާތުގެ ކޯސްޕޮންސާރސް އަކީ ބެސްޓް ބަޑީ އަދި ފެނަކައެވެ. މި މުބާރާތުގެ ޑްރިންކިން ޕާޓްނަރަކަށް ލޮޓަސްފިހާރަ ހަމަޖައްސާފައިވާއިރު، މި މުބާރާތުގެ މީޑީއާ ޕާޓްރަނަކީ ތިލަދުން އޮންލައިން ނޫހެވެ.

ކުމުންދޫ ބީޗް ސިޓީ ސްޕޯޓްސް ކުލަބަކީ ކުމުންދޫއަށް ބޭނުންތެރި މަސައްކަތްތަކެއް ކޮށްދެމުން އަންނަ ކުލަބެކެވެ. މިގޮތުން ބަލައިލާއިރު އެ ކުލަބުގެ ފަރާތުން އެރަށު ނުރެމަގު ސަރަހައްދުގައި ސަންސެޓް ބީޗްގެ ނަމުގައި ހިތްގައި މައިޒާނެއް ތަރައްޤީކޮށް ފާއިތުވި 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ވަނީ ހުޅުވައި ބޭނުންކުރަން ފަށާފައެވެ. އެތަނަކީ މިއަދުވެސް ކުމުންދޫގެ ކުދިބޮޑު އެންމެން ހިތްއުފާކޮށްލަން ގޮސްއުޅޭ ބޭނުންތެރި ތަނެކެވެ.