މިއަދު ދިވެހި ނޫސްވެރިން ތަޖުރިބާކުރަނީ ރައްޔިތުންނާއި ނޫސްވެެރިން މީގެކުރިން ހިޔާލުވެސް ނުކުރާވަރުގެ މިނިވަން ނޫސްވެރިކަމެއްކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ، މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގަ އެވެ.

Ad
rt

މި ހިތާބުގައި ރައީސް ވިދާޅުވެފައިވަނީ ސަރުކާރުން ނޫސްވެރިކަމަށް ހުރަސް އެޅުމުގެ ސިޔާސަތެއް ނުގެން ގުޅޭނެ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނީ، ގާނޫނުގައިވާ ގޮތުގެ މަތިން މައުލޫމާތު ހާމަކުރުމަށް، ދައުލަތުގެ މުއައްސަސާތަކުން މިހާރަށްވުރެ ބޮޑަށް އިސްކަން ދީގެން ކަމަށެވެ. އަދި ސަރުކާރުގެ މުށުތެރޭގައި ފިތިފައި އޮތް ދިވެހި ނޫސްވެރިކަމަށް މިނިވަން މާޙައުލެއް ގާއިމުކޮށްދިނުމުގެ ވަޢުދާއެކު، ވެރިކަމާ ޙަވާލުވިއިރު، ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި، ދިވެހިރާއްޖެ މިހާރު އޮތީ 120 ވަނައިގަ ކަމަށެވެ.

"މިނިވަން ނޫސްވެރިކަމަށް ޖާގަދިނުމަށްފަހު، ފާއިތުވެގެންމިދާ ތިން އަހަރުގެ ތެރޭގައި، ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި ރާއްޖެ ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފައި، ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި، މިހާރު ރާއްޖެ އޮތީ 72 ވަނައަށް ކުރިއަރައިފައި"

ރައީސް ވިދާޅުވެފައި ވެއެވެ.

ނޫސްވެރިކަމުގެ ޒިންމާ އަދާކުރުމަކީ، މީސްމީހުންނާއި ބެހޭގޮތުން، ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމާއި، ޔޯލަ ވާހަކަ ފެތުރުން ހުއްޓައިލުންކަމަށް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

އަދި ނޫސްވެރިކަމަކީ ވެސް ގައުމީ ހިދުމަތެއް ކަމުގައި ދެކި، ގައުމު ބިނާކުރުމުގެ ރޫހުގައި ހުރިހާ ނޫސްވެރިންވެސް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މިނިވަން ނޫސްވެރިކަމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލައި، ނޫސްވެރިންނަށާއި ނޫސް އިދާރާތަކަށް ސަރުކާރުން ފިޔަވަޅު އަޅައި އަދަބު ދިނުމުގެ ސަގާފަތް ދޫކޮށްލީ، މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރެސީ ހަރުދަނާ ކުރުމުގެ މުހިންމު ވަސީލަތެއް ކަމަށްވާތީ ކަމަށް ވެސް ވިދާޅުވިއެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނީ، ގާނޫނުގައިވާ ގޮތުގެ މަތިން މަޢުލޫމާތު ހާމަކުރުމަށް، ދައުލަތުގެ މުއައްސަސާތަކުން މިހާރަށްވުރެ ބޮޑަށް އިސްކަން ދީގެން"

ރައީސް ގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައި ވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، ކޮންމެ ނޫސްވެރިއަކުވެސް ހަނދާންކުރަންވީ، ކޮންމެ މިނިވަންކަމަކާ ގުޅިފައިވާ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ވާކަން ކަމަށާއި ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފާއިރު، އަނެކުންނަށް ލިބިގެންވާ އަބުރު ރައްކާތެރިކުރުމުގެ ޙައްޤަށް ޙުރުމަތްތެރިވުމަކީ، ނޫސްވެރިޔާގެ ޒިންމާއެއްކަން ހަނދާނުގައި ބަހައްޓަންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ރާއްޖެ ޑިމޮކްރެސީއަށް ކުރި ދަތުރުގައި، ދިވެހި ނޫސްވެރިން ވެފައިވާ ގުރުބާނީ ހަނދާންކޮށް ޑިމޮކްރެސީއަށް އަޑުއުފުލައި ހިޔާލު ފާޅުކުރުމުގެ ތެރޭގައި، ތަފާތު އަނިޔާތަކާއި ޖަލު ހުކުމްތައް ތަހައްމަލުކުރި ނޫސްވެރިންނާއި، އަނިޔާވެރި އަމަލުތަކުގެ ޝިކާރައަކަށްވެ ދުނިޔެ ދޫކުރި ނޫސްވެރިންގެ ހަނދާން އާކުރަން ޖެހޭ ކަމަށް ވެސް ރައީސް ގެ ވާހަކަފުޅުގައި ވިދާޅުވެފައި ވެއެވެ.