އިންޑިޔާގެ އާއްމު ސަލާމަތާ ބެހޭ ޤާނޫނުގެ ދަށުން، ކަޝްމީރުގެ މަޝްހޫރު ސިޔާސީ ލީޑަރަކު ބަންދުކުރުމުން، ގިނަ ބައެއްގެ ފާޑުކިޔުން އިންޑިޔާ ސަރުކާރަށް އަމާޒުވެއްޖެއެވެ.

ކުރިން ކަޝްމީރުގެ ޗީފް މިނިސްޓަރުކަންވެސް ކޮށްފައިވާ އަދި އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަންވެސް ކޮށްފައިވާ ފާރޫޤު އަބްދުﷲ، ބަންދުކޮށްފައިވާ ޤާނޫނުގެ ދަށުން، އެއްވެސް ދައުވާއެއް ނުއުފުލާ އަދި އެއްވެސް ހުކުމެއް ނުކޮށް، ދެ އަހަރު ދުވަސްވަންދެންވެސް ހައްޔަރުކޮށްފައި ބެހެއްޓިދާނެއެވެ.

Ad
rt

އުމުރުން 81 އަހަރުގެ ފާރޫޤު، މި ޤާނޫނުގެ ދަށުން ބަންދުކޮށްފައި ބެހެއްޓުމުގެ ސަބަބުން، ގިނަ އަދަދެއްގެ ތަޖުރިބާކާރު ނޫސްވެރިންނާއި ތަޖުރިބާކާރު ސިޔާސީ ފަރާތްތައް ދަނީ މޯދީގެ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އަދި އެފަރާތްތަކުން ދަނީ މި ނިންމުން ކުށްވެރިވެސް ކުރަމުންނެވެ.

މިކަމާ ގުޅިގެން ތަޖުރިބާކާރު ނޫސްވެރިޔާ، ޝޭކަރު ގުޕްތާ ބުނެފައިވަނީ އުމުރުން 81 އަހަރުގެ ސިޔާސީ މީހެއްގެ ފަރާތުން އާއްމުންނަށް ގެއްލުމެއްވެދާނެކަމަށް ބުނެ ޖަލުގައި ބަންދުކުރުމަކީ، ކަޝްމީރު ވާދީގެ ކަންކަން، މިއިން ދުވަހަކުވެސް ހައްލު ނުވާނެކަމުގެ އަލާމާތެއްކަމުގައެވެ.

އިންޑިޔާގެ ކޮމިއުނިސްޓް ޕާޓީގެ ލީޑަރު، ސިތާރަމް ޔެޝޫރީވަނީ ވަރަށް ބޮޑަށް އިންޑިޔާ ސަރުކާރު ކުށްވެރިކޮށްފައެވެ. އަދި ފާރޫޤަކީ އަބަދުވެސް އިންޑިޔާއާއެކު ހުރި މީހެއްކަމަށް ބުނެފައިވެއެވެ. އިދިކޮޅު މައި ޕާޓީ، ކޮންގްރެސްގެ ލީޑަރެއްކަމުގައިވާ ސަލްމާން ކުރްޝިދުވެސް ބުނެފައިވަނީ ފާރޫޤަކީ އިންޑިޔާގެ އެއްބައިވަންތަކަމާއި ނަޒާހަތްތެރިކަން ދިރުވި މީހެއްކަމުގައެވެ.

މީގެއިތުރުން، އިންޑިޔާގެ ދެކުނުގެ ޓަމިލް ނާޑޫގެ ސިޔާސީ ލީޑަރެއްކަމުގައިވާ ވައިކޯ ވަނީ، ފާރޫޤު، ހުކުމެއް ނެތި ބަންދުކޮށްފައި ބެހެއްޓުން ނިންމުމަށް، އޭނާ ކޯޓަށް ހާޟިރުކުރަން ސަރުކާރަށް އަމުރުކުރުމަށް އެދި ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. މިކަމަށް، މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ޖަވާބު ދިނުމަށް ސަރުކާރަށް ވަނީ، ކޯޓުން އަންގާފައެވެ.

ކަޝްމީރުގެ މިނިވަންކަމަށް ހުރަސް އެޅޭފަދަ ނިންމުންތަކެއް އިންޑިޔާއިން ނިންމާފައިވާއިރު، އެސަރަޙައްދުގެ ހާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.