މާލެއާއި އަތޮޅު ތެރޭގައި ކޯވިޑް-19 ގެ ކޭސްތައް ގިނަވަމުންދާތީ، ފަރުދީ ޒިންމާ އަދާކުރުމާއެކު ރައްކާތެރިވެ ތިބުމަށް ކުޅުދުއްފުށީ ކައުންސިލްއިން، ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.
މިގޮތުން މި ދަނޑިވަޅުގައި، ރައްކާތެރިކަމުގެ ގޮތުން ކުރަންޖެހޭ ކަންކަމަށް އިތުރަށް ސަމާލުވެ، ބައްޔަށް ހުށަހެޅި ބަލި ފެތުރޭނެ ފަދަ ކަންތައްތައް ނުކުރުމަށް ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް އެ ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގަ ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ އިއުލާންގައިވަނީ، ގެއިން ބޭރަށް ނުކުންނަނަމަ މާސްކު ބޭނުން ކުރުމާއި އިޖްތިމާއި ގައި ދުރުކަން ޔަގީންކުރުމަށް ވަނީ އެދިފައެވެ. އަދި
މާލެ ސަރަހައްދު، މޮނިޓަރިންގއަށް ލެވިފައިވާ ރަށެއް ނުވަތަ ފަތުރުވެރިން ޒިޔާރަތްކުރާ ރަށަކުން ދަތުރު ކުރާނަމަ އެޗް.ޕީ.އޭގެ މިންގަނޑިތަކާއި އުސޫލުތަކާ އެއްގޮތަށް މެނުވީ ދަތުރުނުކުރުމަށް ވެސް ވަނީ އެދިފަ އެވެ.
ފަރުދީ ޒިންމާ އަދާކުރުމުގައި ސަމާލުވުމަށް އެ ޢިއުލާންގައި އިތުރަށް އެދިފައިވާ ކަންކަން
- ކަމާ ގުޅުންހުރި އިދާރާތަކާ ތެދު މަޢުލޫމާތު ހިއްސާކޮށް ނަގަންޖެހޭ ހުއްދަތަށް ދުރާލާ ނެގުން.
- ހޯމް ކަރަންޓީންއަށް ދުރުވާ ބޭފުޅުން ދުރާލާ ހުއްދައަށް އެދިލެއްވުމާއި، އެޗް.ޕީ.އޭގެ ލީގަލް ޑޮކިއުމަންޓް ލިބުމަށްފަހު ކައުންސިލަށް ދަތުރުގެ މަޢުލޫމާތު ހިއްސާކޮށްފައި މެނުވީ ދަތުރު ނުކުރުން.
- ރަށަށް އައުމަށްފަހު ހޯމް ކަރަންޓީންވާ ތަނަށް ދިއުމަށް، ގައިދުރުކަން ޔަގީން ކުރެވޭނެ ފަދަ އުޅަނދެއް ހިޔާރުކުރުމާއި އެއްވެސް ފަރާތަކާއި ބައްދަލު ނުކުރުން.
- ހޯމް ކަރަންޓީންގައި ތިއްބަވާ ބޭފުޅުން، އެހެން ފަރާތްތަކާއި ބައްދަލު ނުކުރުމާ ކަރަންޓީންގެ އެންމެހާ އުސޫލުތަކަށް ފުރިހަމައަށް ބޯލެބުން.
- މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުމާއި ކޮންމެހެންދާންޖެހޭ ދަނޑިވަޅުތަކުގައިވެސް މާސްކު ބޭނުންކޮށް އިޖްތިމާއި ގައިދުރުކަން ދެމެހެއްޓުން.
މިހަރާކަށް އައިސް މަދުންނަމަވެސް ހެދިފައިވާ އުސޫލުތަކާ ހިލާފަށް ބައެއް ފަރާތްތަކުން ޢަމަލު ކުރާކަމީ އެންމެހާ ރައްޔިތުންނާއި މުއައްސަސާތަކުން ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތް، އެންމެ ފަރުދެއްގެ ސަބަބުން ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެދާނެފަދަ ކަމަކަށްވާތީ މިފަދަ އަމަލުތަކުން ދުރުހެލިވުމަށް ވެސް އެކައުންސިލުން ވަނީ ނަސޭހަތްތެރި ވެފައެވެ.
"ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފަރުދީ ޒިންމާ އަދާކޮށްގެން މެނުވީ ކުރިއަށް އޮތްތަނުގައި މަސައްކަތު މަޤްޞަދު ހާސިލްނުކުރެވޭނެތީ މިކަމަށް އެންމެހާ ރައްޔިތުންގެ އަރިހުން ނުހަނު އިޙްލާސްތެރިކަމޭއެކު އެދެމެވެ. ކޯވިޑް-19 ރޯގާއިން ރައްކާތެރިވުމަށް އެޅިފައިވާ ފިޔަވަޅުތަކަށް ގިނަ އާންމު ފަރުދުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ނުހަނު އިޙްލާސްތެރިކަމާއެކު މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ." ކުޅުދުއްފުށީ ކައުންސިލްގެ ޢިއުލާންގަ ބުނެފަ ވެއެވެ.
މާލެއާއި އަތޮޅު ތެރޭގައި ކޯވިޑް-19 ގެ ކޭސްތައް ގިނަވަމުންދާތީ، ފަރުދީ ޒިންމާ އަދާކުރުމާއެކު ރައްކާތެރިވެ ތިބުމަށް ކުޅުދުއްފުށީ ކައުންސިލްއިން އިލްތިމާސްކުރިއިރު، ރާއްޖޭގެ ކޯވިޑް ހާލަތު އަދިވެސް އޮތީ ވަރަށް ގޯސްކޮށެވެ. އިއްޔެ ވެސް ވަނީ ރާއްޖެއިން 402 މީހަކު މިބަށްޔަށް ޕޮޒިޓިވްވެފަ އެވެ. ހުކުރު ދުވަހު ޕޮޒިޓިވްވީ 465 މީހުންނެވެ. ބުރާސްފަތި ދުވަހު 318 މީހުންނެވެ.
އުތުރުން ހއ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ވެސް އިއްޔެ ވަނީ ޕޮޒިޓިވްވެފައެވެ. ށ. ފުނަދޫގައި ވެސް ހޯމް ކަރަންޓީނުގަ ހުއްޓާ ޕޮޒިޓިވްވި މީހެއް ހުރި ގެއިން، ސްކޫލަށްދާ ކުއްޖަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!