ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން ހއ. ދިއްދޫ ގައި ތިބި ބިދޭސީންނަށް ރޯދަ ވީއްލުމެއް އިއްޔެ ދީފިއެވެ.
އެ ކްލަބުން ވަނީ އެ ރޯދަވީއްލުން އިންތިޒާމް ކުރުމަށްފަހު އެރަށުގައި އުޅޭ ބިދޭސީން، އެ ރޯދަވީއްލުމުގައި ބައިވެރިވުމަށް އެދި އާންމު ދައުވަތެއް ދީފައެވެ. އެ ދައުވަތާއި ގުޅިގެން ދިއްދޫގައި އުޅޭ 150 ވަރަކަށް ބިދޭސީން ވަނީ އެ ރޯދަ ވީއްލުމުގައި ބައިވެރިވެފަ އެވެ.
މި ރޯދަވީއްލުން އިންތިޒާމްކޮށް، އެހާ ފުރިހަމަކޮށް އެކަން ގެންގޮސްދީފައި ވާތީ މިޑްލް ސްޕޯޓްސް ކްލަބުން ވަނީ އެ ކްލަބްގެ ހީވާގި މެންބަރުންގެ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
އެ ކްލަބްގެ ރައީސް ނަޝްވާން އިބްރާޙީމް ''ތިލަދުން''އަށް ބުނީ އެ އެރަށުގައި ދިރިއުޅޭ ބިދޭސީންނަށް އެ ކްލަބްގެ ފަރާތުން މިފަދަ ރޯދަވީއްލުމެއް އިންތިޒާމްކޮށް ދެވުނުކަމީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ކްލަބުން ކުރަމުންދާ މި މަސައްކަތްތައް އެހާ ކާމިޔާބުކަމާއެކު ނިންމާލެވުމުގެ އަސްލަކީ އެ ކްލަބްގެ ހީވާގި މެންބަރުންކަން އޭނާ ފާހަގަ ކުރެއެވެ.
"ދިއްދޫގައި ދިރިއުޅޭ މުސްލިމް ބިދޭސީންނަށް ދިން މި ރޯދަ ވީއްލުމަކީ އެމީހުންގެ އާއިލާއާއި ދޫކޮށް މިރަށުގައި މަސައްކަތްކުރަމުންދާއިރު، މިގޮތަށް އެންމެން އެއްކޮށް ރޯދަ ވީއްލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤުސަދުގައި، އެންމެން އެކީ ހިތްހަމަޖެހިގެން ވަގުތުކޮޅެއް ހޯދާދިނުމުގެ ގޮތުން ދެވުނު ރޯދަ ވީއްލުމެއް، އަސްލު އެންމެންވެސް ވަރަށް ހިތްހަމަޖެހިފަ ތިބީ، މޫނުމަތިން އުފާވެރިކަން ފެނުމުން އަހަރެމެންވެސް ވަރަށް ހިތްހަމަޖެހުން، އަދި ރަށުގެ މަސައްކަތް ކުރާ ޑޮކްޓަރުންވެސް މިރޯދަ ވީއްލުމުގައި ބައިވެރިވެ، މިކަމަށް ވަރަށް ތައުރީފްކުރި، ދިވެހި އިފްތާރެއް ލިބި އޭގެ ރަހަ ވަރަށް ބަރާބަރުކަމަށް ބުނި" ނަޝްވާން ބުންޏެވެ.
އެ ކްލަބުން ވަނީ، ހއ. އަމާންވެށީގައި ތިބި ކުދިންނަށް ވެސް މިދިޔަ ބުދަ ދުވަހު ރޯދަ ވީއްލުމެއް ދީފައެވެ.
Posted by Middle Sports Club on Friday, April 30, 2021
އެ ރޯދަ ވީއްލުން އިންތިޒާމްކުރީ އެ ކްލަބްގެ މެންބަރެއްގެ ގޭގައެވެ. މިވަގުތު ހއ. އަމާންވެށީގައި ތިބީ 16 ކުއްޖެކެވެ. އެދުވަހު ރޯދަވީއްލުމުގައި ބައިވެރިވީ 15 ކުއްޖެކެވެ. އަނެއްކުއްޖާއަކީ އަލަށް އެރަށަށްގެނައި ކުއްޖެއްކަމުން އެކުއްޖާ އަދި ހުރީ ކަރަންޓީނުގައެވެ. އެކުއްޖާއަށް ވެސް ރޯދަވީއްލުމުގެ ތަށިބަރިއެއް ފޮނުވިއެވެ.
ދިއްދޫ މިޑްލް ސްޕޯޓްސްއަކީ ވަރަށް ފުޅާދާއިރާއެއްގައި އިޖުތިމާއީ ހަރަކާތް ހިންގާ، ވަރަށް ހަރަކާތްތެރި ކްލަބެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!