ނިދުމުގެ ކުރިން އެއްޗެއް ކާލީމާ ހާރުކޭކަމަށް ވާނެތަ؟

Suhor

ހާރުކެއުމަކީ ހަމަ އެހާ މުހިންމު ކަމެއް ހެއްޔެވެ؟ ބާރަ ޖަހާއިރު ނިދަން އޮށޯންނަމުން އެއްޗެއް ކާލީމާ ހާރުކެއި ކަމަށް ވާނެހެއްޔެވެ؟ ކޮންމެހެން އެގަޑީގައި ހާރުކާށޭ ކިޔާފައި ތެދުވާން ޖެހޭހެއްޔެވެ؟ މިސުވާލުތަކަކީ މިހާރަކަށްއައިސް އަޅުގަނޑުމެންގެ ހިތަށް ވެރިވާ ސުވާލުތަކެކެވެ.

މިފަދަ ސުވާލުތައް ޙަޤީޤަތުގައި އުފެދެން ދިމާވާ މައިގަނޑު ސަބަބަކީ ދީނީ މަޢުލޫމާތު ގެ ޚަޒާނާ އެހާ ތިޔާގި ނުވުމެވެ. އެހެންކަމުން އަދުގެ ޓެކްނޮލޮޖީތަކުގެ ފަސޭހަތަކާއެކު، ދީނީ ޢިލްމު ހޯދުމަށް ފަހިވެފައިވާ ފަސޭހަ މަގުތަކުގެ ބޭނުންހިފައި އަޅުގަނޑުމެންގެ ދީނީ މަޢުލޫމާތުގެ ޚަޒާނާ މުއްސަންދިކުރުން ވަރަށް މުހިންމެވެ.

ފުރަތަމަ ކަމަކަށް ހާރުކެއުމަކީ އަޅުކަމެކެވެ. މާތް ﷲއާ ކުއްތަން ވުމަށްޓަކައި ކުރާ ކޮންމެ ކަމަކީ އަޅުކަމެކެވެ. މާނައަކީ ހާރު ކެއުމަކީ އޭގެ ސަބަބުން ހާރުކާ މީހާއަށް ޘަވާބު ލިބިނިވި ކަމެކެވެ. ދެވަނަ ކަމަކަށް، ހާރު ކެރުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. އަންނަނިވި ޙަދީޘްފުޅުން އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. އަނަސް އިބްނު މާލިކްގެ އަރިހުން ރިވާ ވެގެން އައިސްފައި ވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ." تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَةً " (رواه البخاري (1923) ومسلم (1095))

މާނަ: "ހާރުކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތް ވެއެވެ."

އަދިވެސް އެހެން ޙަދީޘްފުޅެއްގައިވެއެވެ." مَنْ أَرَادَ أَنْ يَصُومَ فَلْيَتَسَحَّرْ بِشَيْءٍ "(رواه أحمد (14533) وصححه الألباني في السلسلة الصحيحة (2309)

މާނަ: "ރޯރަހިފަން ބޭނުން މީހަކުނަމަ، ކޮންމެވެސް އެއްޗަކުން ހާރުކާހުށިކަމެވެ."

އެކަލޭގެފާނު ޞައްލައްﷲ ޢަލައިހި ވަސައްލަމް އިރުޝާދު ދެއްވައިފައިވަނީ ތިބާ ރޯދަ ހިފާނަމަ، ކޮންމެވެސް އެއްޗަކުން ހާރުކާށެވެ. ހާރުކެއުމަކީ އެހާ މުހިންމު ކަމެއްކަމަށް ނުވާނަމަ އެކަލޭގެފާނު މިފަދައިން އަމުރު ނުކުރެއްވީހެވެ.

ދެން އޮތީ އަނެއް ސުވާލެވެ. ބާރަ ޖަހާއިރު ނިދަން އޮށޯންނަމުން އެއްޗެއް ކާލީމާ ހާރުކެއި ކަމަށް ވާނެހެއްޔެވެ؟ އެއީ ކިހިނެތް ވާނެ ކަމެއް ހެއްޔެވެ. ހެނދުނު ހޭލައިގެން އޮފީހަށް ދިއުމުގެ ކުރިން އެއްޗެއް ކާލީމާ މެންދުރު ކޭކަމަށް ވޭހެއްޔެވެ؟ ނުވާނެއެވެ. ހެނދުނު ކާކެއުމަށް އަޅުގަނޑުމެން ބްރެކްފާސްޓް ކިޔަމެވެ. އެއީ މިސާލަކަށް ބަނަހާއި ސައެވެ. މެންދުރު ކެއުމަށް ކިޔައި އުޅެނީ ލަންޗެވެ. އެއީ މިސާލަކަށް ބިރިޔާނީއެވެ. ބްރެކްފާސްޓްގެ ވަޤުތުގައި ބިރިޔާނީ ކެއިކަމުގައިވިޔަސް އެކެއުމުގެ ނަން ލަންޗަކަށް ނުވާނެއެވެ. ހެނދުނ ކައިފިނަމަ، ކޮންމެއެއްޗެއް ކެއިނަމަވެސް ވާނީ ބްރެކްފާސްޓަށެވެ.

އެގޮތުން ހާރުކެއުމަކީވެސް އެހެން ކެއުންތަކެކޭވެސް އެއްފަދައިން ވަކި ޚާއްސަ ވަޤުތެއް ލިބިގެންވާ ކެއުމެކެވެ. އެކެއުމުގެ ވަޤުތަކީ ސަޙަރުގެ ވަޤުތެވެ. އެއީ ފަތިސްނަމާދަށް ގޮވުމުގެ ކުރިން ރޭގަނޑުގެ އެންމެ ފަހު ވަޤުތުކޮޅެވެ. ނިދުމުގެ ކުރިން ހާރުކަނީއޭ ބުނެ ބޮޑުކެއުމެއް ކާލައިގެން ނިދި ކަމުގައި ވީނަމަވެސް އެކެއުން ހާރުކެއުމަކަށް ނުވާނެއެވެ.

ހަމައެހެންމެ ހާރުކެއުމަކީ ނުހަނު ބަރަކާތްތެރި ކެއުމެކެވެ. އަދި މަލާއިކަތުންގެ ދުޢާ ލިބޭބައެއްކަމުގައި ހާރުކާ މީހުން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އެހެން ޙަދީޘްފުޅެއްގައި ވެއެވެ. " السَّحُورُ أَكْلُهُ بَرَكَةٌ فَلاَ تَدَعُوهُ، وَلَوْ أَنْ يَجْرَعَ أَحَدُكُمْ جُرْعَةً مِنْ مَاءٍ، فَإِنَّ اللهَ وَمَلاَئِكَتَهُ يُصَلُّون عَلَى الْمُتَسَحِّرِين " (رواه أحمد، وحسنه الألباني)

މާނަ: "ހާރަކީ ބަރަކާތް ލިބިގެންވާ ކެއުމެކެވެ. އެހެންކަމުން އެކަން ދޫކޮށް ނުލާށެވެ. އެއީ ހަމައެކަނި ފެން ކޯވަރެއް ބޯލުން ކަމުގައި ވިޔަސްމެއެވެ. ފަހެ ހަމަކަށަވަރުން ﷲ ގެ ރަޙުމަތް ހާރުކާ މީހުންގެ މައްޗަށް ހުއްޓެވެ. އަދި އެއިލާހުގެ މަލާއިކަތުންވެސް އެބައިމީހުންނަށް ރަހުމަތް ލެއްވުމަށް އެދި ދުޢާކުރެއެވެ."

ހާރުކެއުން ލަސްކްށްލުން ސުންނަތްވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

“لاَ تَزَالُ أُمَّتِي بِخَيْرٍ مَا عَجَّلُوا الإِفْطَارَ وَأَخَّرُوا السُّحُورَ” (رواه أحمد)

މާނަ: "ރޯދަވީއްލުން އަވަސްކޮށް އަދި ހާރުކެއުން ލަސްކުރާހާ ހިނދަކު ތިމަން ކަލޭގެފާނުގެ އުއްމަތް ހެއުކަމުން ފިލައި ނުދާނެއެވެ"

އެހެންކަމުން ހާރުދަމުގައި ނިދާފައި އޮންނަ މީހެއްނަމަ، އެލާމް ކޮށްގެން ނަމަވެސް ހޭލައިގެން ހާރަށް ކޮންމެވެސް އެއްޗެއް ކާލެވޭތޯ ބަލާށެވެ. އޭރުން އިން ޝާއަ ﷲ، ފަތިސް ނަމާދަށް މިސްކިތައްވެސް ދެވޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *