ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އެ ކައުންސިލުގެ ނުވަވަނަ ޤުރުއާން މުބާރާތުގެ އިނާމްދިނުމުގެ ޖަލްސާއަށް، ދިއްދޫ ދިއްގާ ފައުންޑޭޝަންގެ ފަރާތުން ދިހަހާސް ރުފިޔާ ހަދިޔާ ކޮށްފިއެވެ.

މި ފައިސާ 29 އޭޕްރިލް 2021 ވީ ބުރާސްފަތި ދުވަހު ދިއްދޫ ކައުންސިލާއި ހަވާލު ކޮށްދެއްވާފައި ވަނީ މިވަގުތު ރަށުގައި ތިއްބެވި ދިއްގާ ފައުންޑޭޝަންގެ އަންހެން މެމްބަރުންނެވެ. ދިއްދޫ ކައުންސިލުގެ ފަރާތުން މި ފައިސާއާއި ހަވާލުވެލައްވާފައި ވަނީ އެ ކައުންސިލުގެ ރައީސް މުޙައްމަދު ހާޝިމްއެވެ.

Ad
rt

މިކަމާއި ގުޅޭގޮތުން ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން ދިއްގާ ފައުންޑޭޝަންގެ ފައުންޑަރ މެމްބަރ އަލީ ޝައުކަތު ވިދާޅުވެފައި ވަނީ ދިއްގާ ފައުންޑޭޝަންގެ ފަރާތުން ކުރިއަށް އޮތްތާގައި ވެސް ދިއްދޫގެ އެކި މުއައްސަސާތަކަށް އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށެވެ. މިގޮތުން މި އަހަރުގެ ތެރޭގައި ދިއްދޫ ސްކޫލާއި އަދި ޕްރީސްކޫލަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ރާވަމުން ދާކަމަށެވެ

ދިއްގާ ފައުންޑޭޝަންގެ ފަރާތުން 2020 ވަނަ އަހަރުގެ ތެރޭގައި ހއ.އަތޮޅު ހޮސްޕިޓަލަށް ވެސް ވަނީ 200 ސާޖިކަލް މާސްކާއި 5 ޕީޕީއީ ހަދިޔާ ކޮށްފައެވެ.

ދިއްގާ ފައުނޑޭޝަން ނިސްބަތްވަނީ ދިއްދޫ ދިއްގާގަސްދޮށުގެއަށެވެ. އެ އާއިލާގެ އަހްމަދު އަލީ (ކާފަ) އަދި ފާތިމަތު އާދަމް (މާމަ) ނިޔާވުމާއި ގުޅިގެން އެ އާއިލާގެ މެމްބަރުން އަންނަނީ ދިއްގާ ފައުންޑޭޝަންގެ ނަމުގައި ފައުންޑޭޝަނެއް ރަޖިސްޓަރީކޮށް ދިއްދުއަށް އެކި ސިފަސިފާގައި އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންނެވެ.