ހަނިމާދޫން ފެނުނު ކޯވިޑް-19 ތިން ޕޮޒިޓިވްކޭހާއި ގުޅިގެން އެރަށުގެ ކޯވިޑް ހާލަތު ވަޒަން ކުރުމަށް އިތުރު 20 ރެންޑަމް ސާމްޕަލްއެއް ނަގައިފިއެވެ.

އެރަށުން ވަނީ މިމަހު 25 ވަނަ ދުވަހުގެ ރޭ ވެސް ރެންޑަމް 20 ސާމްޕަލެއް ނަގާފަ އެވެ. އެހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފަ އެވެ.

Ad
rt

މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ މީހުން ޕޮޒިޓިވްވުމުން އެ މީހުންނާއި ބައްދަލުވި މީހުންގެ ގޮތުގައި 20 ނެގި މީހެއްގެ ސާމްޕަލްގެ ތެރެއިން ކުރިން ޕޮޒިޓިވްވި އަންހެން ކުއްޖާގެ މަންމަގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފަ އެވެ.

ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ''ތިލަދުން''އަށް ވިދާޅުވީ، ރޭގައި އެރަށުން 20 މީހެއްގެ ސާމްޕަލް، ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގުނު ކަމަށެވެ. އަދި ހޯމްކަރަންޓީން ތިން މީހެއްގެ ސާމްޕަލް ވެސް ރޭ ނެގިކަމަށް އޭނާ ވިދާޅުވިއެވެ.

"މި ސާމްޕަލްތަކުގެ ނަތީޖާ ލިބޭ ވަރުވާނީ މާދަމާ ހަވީރު ނުވަތަ މާދަމާ ރޭ" އިބްރާޙީމް ވިދާޅުވިއެވެ.

މިމަހުގެ 22 ވަނަ ދުވަހު ހަނިމާދޫން ޕޮޒިޓިވް ދެ ކޭސް ފެނުނުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހަމަ އެދުވަހު ހަވީރު އެރަށް މޮނިޓަރިން ހާލަތަށް ގެނައި ގޮތަށް އަދިވެސް އެރަށް އޮތީ މޮނިޓަރިން ހާލަތުގައެވެ.

ރާއްޖޭގައި މިބަލީގެ ހާލަތު އަދިވެސް ނާޒުކް ފައްތަރެއްގައި އޮތްއިރު، އިއްޔެވެސް ރާއްޖެއިން ވަނީ 386 މީހެއް ކޯވިޑްއަށް ޕޮޒިޓިވްވެފަ އެވެ. އަދި މިފަހުން މި ނަންބަރު ނުވެއްޓި ދަނީ މަތިވަމުންނެވެ.