ބޭރުތޮށި ނުސާފު، ނަޖިސް ހަރުލާފަ ހުންނަ ކުކުޅު ބިސް ރާއްޖެ އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭއިން މިގޮތަށް ބުނެފައި ވަނީ ދިވެހިރާއްޖެއަށް ކުކުޅު ބިސް އިމްޕޯޓްކޮށް ވިއްކަން ބެހެއްޓޭނެ މިންގަނޑުތަކެއް ކަނޑައަޅާ މިއަދު ނެރުނު ޢިއުލާނެއްގަ އެވެ.

Ad
rt

މި ޢިއުލާންގައި އާންމުކޮށްފައިވާ އުސޫލުގައި ވަނީ ބޭރުތޮށި ނުސާފުކޮށް އަދި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ކޮށްފަ އެވެ.

އެ އުސޫލުގައިވާ ގޮތުން ބިހުގެ މުއްދަތު އިތުރުކުރުމަށް ޚާއްސަ ޓްރީޓްމަންޓެއް ނުދީ، ފިނި ނުކޮށް ކުކުޅުބިސް ބަހައްޓަން ވާނީ އުފެއްދި ތާރީހުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތަކަށެވެ. ޓްރީޓްމަންޓެއް ނުދީ ފިނިކޮށްފައި ފަސް ޑިގްރީ ސެލްސިއަސްއަށް އަށް ވުރެ ދަށުގައި ބެހެއްޓޭނީ އުފެއްދި ތާރީހުން ފެށިގެން އެންމެ ދިގުވެގެން ތިން މަސް ދުވަހަށެވެ.

އެގޮތަށް އިމްޕޯޓްކޮށް ވިއްކާ ކުކުޅުބިސް، އިމްޕޯޓްކޮށް ވިއްކުމުގެ ހުރިހާ މަރުހަލާއެއްގައި އޭގެ ފިނިހޫނުމިން ހިފެހެއްޓިފައި ހުންނަންޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެފަ ވެއެވެ.

ބިހުގެ މުއްދަތު ހަމަވާ ތާރީޚް ތިން މަސް ދުވަހަށް ވުރެ އިތުރުވާނަމަ މުއްދަތު އިތުރުކުރުމަށްޓަކައި ދީފައިވާ ޓްރީޓްމަންޓް ބަޔާންކޮށް އުފެއްދި ފަރާތުން ނުވަތަ އުފެއްދި ގައުމުގެ ކަމާ ގުޅޭ އިދާރާގެ ލިޔުމެއް އެމްއެފްޑީއޭއަށް ހުށަހަޅަން ޖެހެ އެވެ.

ރާއްޖެއަށް އިމްޕޯޓުކުރާ ބިހާއި ބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ހެލްތު ސެޓްފިކްޓްގެ އޮރިޖިނަލް ހުށަހެޅުމުން ކަމަށް ހަމަޖައްސާފައިވާއިރު، ހެލްތު ސެޓްފިކެޓްގައި މުދާ އުފެއްދި ގައުމު ބަޔާންކޮށްފައި ނެތްނަމަ ސެޓްފިކެޓް އޮފް އޮރިޖިން ހުށަހަޅަން ޖެހެ އެވެ.

އެއްވެސް ސަބަބަކާއި ހުރެ ސެޓްފިކެޓްގެ އޮރިޖިނަލް ވަގުތަށް ހުށަނޭޅިއްޖެ ހާލަތެއްގައި އެ ސެޓްފިކެޓެއް ދޫކުރި އޮތޯރިޓީން އެމްއެފްޑީއޭއަށް މެއިލް މެދުވެރިކޮށް ހުށަހެޅުމުން، ގަބޫލުކުރާގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ރާއްޖެއަށް އެތެރެކޮށް ވިއްކާ ބިހާއި ބިހުގެ ބާވަތްތައް ހުންނަން ޖެހެނީ އެމްއެފްޑީއޭ އިން އެކުލަވާލާފައިވާ "ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑު"އާ އެއްގޮތަށް ލޭބަލް ކޮށްފަ އެވެ. އަދި ފިހާރަތަކުގައި ވިއްކަން ހުންނަން ވާނީ މުއްދަތު ހަމަވާ ތާރީހް ގަންނަ ފަރާތަށް އެނގޭނެ ގޮތަކަށް ކަމުގައިވެސް އުސޫލުގައިވެ އެވެ.