ދިއްދޫގައި ތާރުއަޅައިގެން ހަދާފައިވާ ބައެއް މަގުތައް އެއްކޮޅަށް ދުއްވޭ މަގުތަކަކަށް ބަދަލުކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.
ދިއްދޫ ކައުންސިލުން ވިދާޅުވީ، އެރަށުގައި ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހަދާފައިވާ މަގުތަކުގެ ތެރެއިން ބައެއް މަގުތަކުގައި އެއްގަމުގައި ދުއްވާ އެއްޗެހި އެއްކޮޅަށް ދުއްވާ ގޮތަށް ހެދުމުގެ މަސައްކަތް އެ ކައުންސިލުން ކުރަށްވަމުން ގެންދަވާ ކަމަށެވެ.
ދިއްދޫގައި އެއްކޮޅަށް ދުއްވޭ މަގުތައް ގޮތުގައި ހަމަޖައްސަން ނިންމާފައިވާ މަގުތައް
- ރަބީ ހިނގުން (މި މަގުގައި އެއްގަމުގައި ދުއްވާ އެއްޗެހި ދުއްވޭނީ އިރުން ހުޅަނގަށެވެ.)
- މިރިހި މަގު ( މި މަގުގައި އެއްގަމުގައި ދުއްވާ އެއްޗެހި ދުއްވޭނީ ހުޅަނގުން އިރަށެވެ.)
- ދާންނާކަލޭފާނުމަގު ( މި މަގުގައި އެއްގަމުގައި ދުއްވާ އެއްޗެހި ދުއްވޭނީ ހުޅަނގުން އިރަށެވެ.)
- ހިތްފަސޭހަމަގު ( ނީލްވިލާ ގެއިން ފެށިގެން ކަރިސްވިލާ އާ ހަމައަށް އެއްގަމުގައި ދުއްވާ އެއްޗެހި ދުއްވޭނީ
އުތުރުން ދެކުނަށެވެ.) - ހިތްފަސޭހަމަގު ( ނީލްވިލާ ގެއިން ފެށިގެން އުތުރަށް ޣާޒީމަގާ ހަމައަށް އެއްގަމުގައި ދުއްވާ އެއްޗެހި ދުއްވޭނީ
ދެކުނުން އުތުރަށެވެ.)
ދިއްދޫ ކައުންސިލުން ގެންދަވަނީ މި މަގުތަކުގައި ޖަހަންޖެހޭ ބޯޑުތައް ހެދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެ އެމަސައްކަތް ނިމުމުން، އެ މަގުތަކުގައި އެއްކޮޅަށް ދުއްވަން ފަށަން ނިންމާ ތާރީޚެއް ފަހުން ޢިއުލާން ކުރާނޭކަމަށް އެ ކައުންސިލުން މައުލޫމާތު ދެއްވަ އެވެ. ނަމަވެސް މިހާރުން ފެށިގެންވެސް ދިއްދޫގެ ރައްޔިތުން މި މަގުތައް ބޭނުން ކުރައްވާއިރު އެއްކޮޅަށް ދުއްވަމުން ގެންދިޔުމަށް އެ ކައުންސިލުން އެދެއެވެ.
ދިއްދޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ވަނީ 4.5 ކިލޯ މީޓަރުގެ 17 މަގެއް ރަނގަޅު ފެންވަރަކަށް ހަދާފައެވެ. އެގޮތުން އެރަށުގެ މުހިންމު ހުރިހާ މަގެއްގައި ވަނީ ތާރުއަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!