ހދ. ހަނިމާދޫއިން ތިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިއޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ.
ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނައީ، މިމަހުގެ 22 ވަނަ ދުވަހު ހަނިމާދޫން ޕޮޒިޓިވް ދެ ކޭސް ފެނުނުމުން އެދުވަހުގެ ހަވީރުއެވެ. އެރަށް އެހާލަތުން ވީއްލީ މިއަދު ހަވީރުއެވެ.
މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އަދި އެ ދެކޭހާ ގުޅިގެން ނެގުނު ސާމްޕަލްތަކުން އިތުރު މީހެއް ޕޮޒިޓިވްވީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެއީ ޕޮޒިޓިވްވި އަންހެންކުއްޖާގެ މަންމައެވެ.
ހަނިމާދޫން ފެނުނު ޕޮޒިޓިވް ތިން ކޭހާއި ގުޅިގެން އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި ޖުމްލަ 39 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރިއެވެ. އަދި ރެންޑަމް ސާމްޕަލްގެ ގޮތުގަ 40 ސާމްޕަލެއް ނެގިއެވެ.
ހަނިމާދޫއަކީ އެއާޕޯޓެއް އޮންނަ ރަށަކަށެކެވެ. މިހާރު ވެސް ދުވާލަކު އެވްރެޖްކޮށް ފަސްވަރަކަށް ފްލައިޓް އެއާޕޯޓަށް ޖައްސައެވެ. އެރަށަކީ އުތުރުގެ ދަތުރުވެރިންގެ މައި ފާލަމަކަށްވެފައިވާއިރު، މިހާތަނަށް ވެސް ހަނިމާދޫގެ ހާލަތު އޮތީ ރަނގަޅަށެވެ. އެރަށުގެ ހާލަތު އެގޮތަށް އޮންނަން މެދުވެރިވާ އެއްސަބަބަކީ ކަމާބެހޭ ފަރާތްތަކާއި، ހަނިމާދޫ ކައުންސިލާއި ގުޅިގެން އެރަށުގެ ސިއްޙީމަރުކަޒުން އެކަމުގައި ކުރަމުންދާ ބުރަ މަސައްކަތްކަން އެރަށުގެ ބައެއް އާންމުން ފާހަގަ ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!