އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ދެމައިން އިއްޔެ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި ނެގި 20 މީހުންގެ ސާމްޕަލްގެ ތެރެއިން އެކަކުގެ ސާމްޕަލް ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ.

އިއްޔެ ހަނިމާދޫން ޕޮޒިޓިވްވި ދެމައިން އއ. މަތިވެރިން، ހަނިމާދޫއަށް ދަތުރުކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މަތިވެރިން ޕޮޒިޓިވް 10 ކޭސް ފެނުމުން އެރަށް މޮނިޓަރިންނަށްލީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

Ad
rt

ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ''ތިލަދުން''އަށް ވިދާޅުވީ، އިއްޔެ ހަނިމާދޫން ޕޮޒިޓިވްވި ދެ ކޭހާއި ގުޅިގެން ރޭ 20 މީހެއްގެ ސާމްޕަލް ނެގުނު ކަމަށެވެ. އަދި އެ ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވާއިރު، އެކަކުގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިފަހަރު ޕޮޒިޓިވްވީ ރޭ ޕޮޒިޓިވްވި އަންހެން ކުއްޖާގެ މަންމައެވެ.

"ކުރިން ސާމްޕަލް ނެގުނު މީހުން ވެސް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަށް މިހާރު ވަނީ ކަރަންޓީނު ކުރެވިފައި، އިތުރު ސާމްޕަލްވެސް ނަގާގޮތަށް ވަނީ ހަމަޖެހިފައި" އިބްރާޙީމް ވިދާޅުވިއެވެ.

ހަނިމާދޫން ޕޮޒިޓިވް ދެ ކޭސް ފެނުނުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިއްޔެ ހަވީރު އެރަށް ވަނީ މޮނިޓަރިން ހާލަތަށް ވެސް ގެނެސްފައެވެ.