ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް އެ ސިޓީގެ މެދު ދެކުނު ދާއިރާގެ އިންތިޚާބީ ކައުންސިލް މެންބަރު، ޢާޠިފާ ޢަލީ ޝައުގުވެރިކަން ފާޅުކުރަށްވައިފިއެވެ.

''ތިލަދުން''އިން ޢާޠިފާއާއި ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން އެބަހުރިކަމަށާއި، އެގޮތަށް ކުރިއަށް ވަޑައިގަންނަވަން ނިންމަވައިގެން ހުންނެވި ކަމަށެވެ.

Ad
rt

"މާތް ﷲގެ އިރާދަފުޅާއެކު އަޅުގަނޑު މިހިރީ ޑެޕިއުޓީ މޭޔަރުކަމަށް ކުރިމަތިލާން ނިންމައިގެން، އަޅުގަނޑަށް ތާއީދު ކުރާ ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމެއް އެއީ އަޅުގަނޑު ޑެޕިއުޓީ މޭޔަރަކަށް ކުރިމަތިލުން. މި ސިޓީއާއި މެދު އަޅުގަނޑާއި އަޅުގަނޑުމެންގެ ޓީމު ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އަޅުގަނޑު މިހިރީ ކުރެވުނު ހުރިހާ މަސައްކަތެއް ކުރަން،'' ޢާޠިފާ ވިދާޅުވިއެވެ.

އާޠިފާ ވިދާޅުވީ، އެމްޑީޕީއަކީ އަންހެނުން ބާރުވެރިކުރުވައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރުމަށް ވަރަށް އިސްކަމެއްދޭ ޕާޓީއެއް ކަމަށެވެ.

"އަންހެނުންނަށް ޚާއްސަކޮށްފައި ވާ ގޮނޑިއަށް އިންތިޚާބުވެފަ ހުރި މީހެއްގެ ހައިސިއްޔަތުން އިސްކަމެއްދޭންޖެހޭ އެއްކަންތައް އެއީ ސިޔާސަތުތައް ހެދުމާއި ތަންފީޒުކުރުމުގައި އަންހެނުންގެ އަޑު އިއްވުމަކީ. ޑެޕިއުޓީ މޭޔަރުކަމަށް އައުމަކީ މި ކަންތައްތަކަށް އިތުރަށް މަގުފަހިވާނެ ކަމެއް" ޢާޠިފާ ވިދާޅުވިއެވެ.

އާޠިފާ ވިދާޅުވީ ކުޅުދުއްފުށީ ސިޓީގެ ގޮނޑިތައް ކާމިޔާބުކުރި އެމްޑީޕީގެ ކެންޑިޑޭޓުންނަކީ ބަދަހި ޓީމެއްކަމަށެވެ. އެ ޓީމުން ގުޅިގެން އެ ސިޓީގެ ތަރައްޤީއަށް ހެޔޮ ނަތީޖާ ނެރެދޭނެ ކަމަށް ވެސް އާޠިފާ ވިދާޅުވިއެވެ.

އެ ޓީމުގެ ވައުދުތައް ފުއްދުމަށް މޭޔަރު އާޠިފްއާއިއެކު މަސައްކަތްކުރުމުގައި ކާމިޔާބީ ހޯދޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށާއި، އެންމެ ބޮޑު ހިތްވަރެއް ލިބެނީ އެ ސިޓީގެ ރައްޔިތުންގެ ކިބައިން ކަމަށް ވެސް ޢާޠިފާ ވިދާޅުވިއެވެ.

ޢާޠިފާ ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް ވާދަކުރަށްވަން ނިންމެވިއިރު، އޭނާ ތަމްސީލް ކުރަށްވާ އެމްޑީޕީއަކީ އަންހެނުންނަށް ހަމަހަމަ ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރާ ޕާޓީއެކެވެ. އެ ސިޓީގެ މޭޔަރަކަށް ފިރިހެން ބޭފުޅެއް އިންތިޚާބުވެފައިވާއިރު، ޑެޕިއުޓީ މޭޔަރުކަން އަންހެނަަކަށް ލިބުމީ އެމްޑީޕީގެ ސިޔާސަތާއިވެސް އެއްގޮތަށް އެކަން ވެގެން ދިޔުމެވެ.

ވޯޓުލީ މީހުންގެ 58 އަށް ވުރެ އިތުރު އަޣުލަބިއްޔަތަކުން ކުޅުދުއްފުށީ ސިޓީގެ މެދު ދެކުނު ދާއިރާ ގޮނޑި ކަށަވަރުކުރަށްވާފައިވާ ޢާޠިފާއަކީ ސިންގަޕޫރުގެ ނެޝަނަލް ޔުނިވާސިޓީ (އެން.ޔޫ.އެސް.)އިން ނާއި ކެނެޑާގެ ޔުނިވާސިޓީ އިފް ޓޮރޮންޓޯ އިން ފުރަތަމަ ޑިގްރީއަށް ނިންމެވުމަށްފަހު މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީއިން އެމް.ބީ.އޭ. ޙާސިލުކުރަށްވާފައިވާ ތައުލީމީ ގާބިލު ތަޖުރިބާކާރު ބޭފުޅެކެވެ.