މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މަސައްކަތްތައް ގުޅިފަޅަށް ބަދަލުވެގެންދިއުމުން ރާއްޖޭގެ ކޮމާޝަލް ބަނދަރުގެ ޚިދުމަތް މުޅިން އާ ހަރުފަތަކަށް ދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.
އެމްޕީއެލްގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ މެނޭޖިންގ ޝާހިދު ވިދާޅުވީ ފާއިތުވި 33 އަހަރުގެ ތެރޭގައި އެމްޕީއެލްއިން ބޮޑެތި ކާމިޔާބީތަކެއް ޙާސިލުކޮށްފައިވާކަމަށެވެ. އަދި އެކާމިޔާބީގެ ފަހަތުގައި ތިބީ އެމްޕީއެލްގެ ކުރީގެ އިސްވެރިންނާއި މުވައްޒަފުންކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްޕީއެލްގެ މަސައްކަތްތައް ގުޅިފަޅަށް ބަދަލުކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް. އޭގެ ސަބަބުން ބައިނަލްއަޤުވާމީ މައިދަނުގައި މިދާއިރާއިން ރާއްޖެއަށް ފައިހަމަކޮށްލެވޭނެ." ޝާހިދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެމްޕީއެލްގެ އަހަރީދުވަހާއި ގުޅިގެން ވަނީ ކޭކެއްފަޅާފައެވެ. މީގެ އިތުރުން ކޮންމެ ޑިޕާޓްމަންޓަކަށް ޚާއްސަ ހަދިޔާއެއްވަނީ ދީފައެވެ.
ރާއްޖޭގެ ބަނދަރުތައް ބެލެހެއްޓުމަށް އެމްޕީއެލް އުފެއްދީ 1986 ވަނަ އަހަރުއެވެ. މިއަދު އެމްޕީއެލް އަންނަނީ ރާއްޖޭގެ ބޮޑެތި ސިޓީތަކަށް އެއްގަމާއި ކަނޑުގެ ޓްރާންސްޕޯޓުގެ ޚިދުމަތްވެސް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!