ކުޅުދުއްފުށީ ކައުންސިލުން ހިންގަމުން އަންނަ ޕްލޭސްކޫލު، އަމީރު އަމީން ސްކޫލުގެ ގޯތިތެރޭގައި، އިންޑިޔާގެ ކެރެލާގައި ފާހަގަކުރާ ދީނީ އިހުތިފާލެއްކަމުގައިވާ "އޯނަމް" ފާހަގަކުރިކަމަށް، އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަލީ އާދަމް ވިދާޅުވި ވިދާޅުވުން އެކައުންސިލުން ދޮގުކޮށްފިއެވެ.
އެކައުންސިލުގެ ފަސް މެންބަރުން ސޮއިކުރައްވާ މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެފަދަ ދީނާ ޚިލާފު އެއްވެސް ކަމެއް އަމީރު އަމީން ސްކޫލުގައި ހިނގާފައި ނުވާކަމަށެވެ. އަދި ސްކޫލާ ބެހޭގޮތުން އެކި ފަރާތްތަކުން މީޑިޔާގައި ދައްކަމުންދަނީ ތެދު އެކުލެވޭ ވާހަކަތަކެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.
ހަމައެހެންމެ، މިފަދަ ވާހަކަތައް މީޑިޔާގައި ހިއްސާކުރުމުގެ ކުރިން ކަމުގެ ތެދު ދޮގު ބެލުމަށްވެސް އެދިފައިވެއެވެ.
"ޗެނަލް 13" އަށް މައުލޫމާތު ދެމުން އަލީ އާދަމް ވިދާޅުވެފައިވަނީ އަމީރު އަމީން ސްކޫލުގައި އޯނަމް ފާހަގަކުރި ހަފްލާގައި ދިވެހިންވެސް ބައިވެރިވެފައިވާކަން ފާހަގަކުރެވޭކަމަށާއި އަދި އެހެން ދީންތަކުގެ އިހުތިފާލުތައް ރާއްޖޭގައި ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެ ހަފްލާގެ ފޮޓޯތައް މީސް މީޑިޔާގައި އާއްމުކުރުމަކީވެސް ކަންބޮޑުވާކަމެއްކަމަށް ބުނެފައިވެއެވެ.
ކެރެލާއަކީ އިންޑިޔާގެ އެންމެ ދެކުނުގެ އެއް ސްޓޭޓްކަމުގައޮވާއިރު، އެސަރަޙައްދުން މަސައްކަތް ކުރަން ރާއްޖެއަށް ގިނަ އަދަދެއްގެ ބަޔަކު ގެންނަމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!