ވިތުރި ނަމާދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުއްތަންވުމަށްޓަކައި ކުރެވޭ އަޅުކަންތަކުގެ ތެރެއިންވާ ގަދަވެގެންވާ ސުންނަތެކެވެ. ވިތުރި ނަމާދުގެ ރަކުޢަތްތަކާއި، މިނަމާދު ކުރާނެ އެކި ގޮތްތައް އަޅުގަނޑުމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ފެންނަން އެބައޮތެވެ. އެގޮތުން ސުންނަތުން ޘާބިތުވާ، ވިތުރި ނަމާދުގެ ރަކުޢަތްތަކުގެ ޢަދަދާއި، މިނަމާދު ކުރެވިދާނެ ގޮތަކަށް ބަލާއިރު މައިގަނޑު ހަތަރު ގޮތެއް ފާހަގަވެއެވެ. އެއީ:

  1. އެއް ރަކުޢަތުން ވިތުރި ކުރުން:

ވިތުރި ނަމާދުގެ އެންމެ މަދު މިންވަރަކީ އެއްރަކުޢަތެވެ. އެކަމަށް ދަލީލުކޮށްދެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަންނަނިވި ޙަދީޘްފުޅެވެ. އަބޫ މިޖްލަޒްގެ އަރިހުން ރިވާވެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރެން އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާއާ ވިތުރިއާ ބެހޭގޮތުން ސުވާލު ކުރީމެވެ. އެކަލޭގެވާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިފަދައިން ޙަދީޘް ކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ: "ވިތުރިއަކީ ރޭގަނޑުގެ ފަހުބައިގައި ކުރާ އެއް ރަކުޢަތެވެ." އަދި އަހަރެން އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ގާތުގައިވެސް އެފަދައިން ސުވާލު ކުރީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިފަދައިން ޙަދީޘް ކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ: "(އެއީ) ރޭގަނޑުގެ ފަހުބައިގައި ކުރާ އެއް ރަކުޢަތެވެ."(1)

Ad
rt

އަދިވެސް އެހެން ޙަދީޘްފުޅެއްގެ މާނާގައި ވެއެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ރޭގަނޑުގެ ނަމާދުވަނީ ދެރަކުޢަތުން ދެރަކުޢަތުންނެވެ. ފަހެ ފަތިސްވެދާނެކަމަށް ތިޔަބައިމީހުން ބިރުގަނެއްޖެނަމަ، އެއްރަކުޢަތް ކުރާށެވެ. އޭރުން ކުރެވުނު ނަމާދު (ގެ ރަކުޢަތްތަކުގެ ޢަދަދު) އޮނަހިރި ޢަދަދެއްކަމުގައި ވާނެއެވެ."(2)

ކުރިންވެސް ބުނެވުނުފަދައިން މިއީ ވިތުރީގެ އެންމެ މަދު މިންވަރެވެ. މީގެ އިތުރަށް ތިން ރަކުޢަތުން އަދި ފަސްރަކުޢަތުން އަދި ހަތް ރަކުޢަތުން އަދި ނުވަ ރަކުޢަތުންވެސް ވިތުރި ނަމާދު ކުރެވިދާނެއެވެ.

  1. ތިން ރަކުޢަތުން ވިތުރި ނަމާދު ކުރުން:

ތިން ރަކުޢަތުން ވިތުރި ނަމާދު ކުރެވިދާނެ ދެ ގޮތެއް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުން ޘާބިތުވެއެވެ.

  • ތިން ރަކުޢަތުން ވިތުރި ނަމާދު ކުރެވޭ ފުރަތަމަ ގޮތް: ހަމައެކަނި ފަހު ރަކުޢަތުގައި އައްތަޙިއްޔާތަށް އިންނަ ގޮތަށް މެދުކެނޑުމެއް ނެތި ތިން ރަކުޢަތް އެއްކޮށް ކުރުން. މިގޮތަށް ވިތުރި ކުރެވިދާނެ ކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ. ސަޢުދު އިބްނު ހިޝާމްގެ އަރިހުން ރިވާވެފައިވެއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ އެކަލޭގެފާނު ގާތު ވިދާޅުވިއެވެ. "ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވިތުރި ނަމާދުގައި ދެރަކުޢަތް ކުރެއްވުމަށްފަހު ސަލާމް ނުދެއްވައެވެ." އަދިވެސް އެހެން ރިވާޔަތެއްގައި ވެއެވެ. (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް) ތިން ރަކުޢަތުން ވިތުރި ކުރައްވައެވެ. އެންމެ ފަހު ރަކުޢަތުގައި މެނުވީ އެކަލޭގެފާނު (އައްތަޙިއްޔާތަކަށް) އިށީނދެވަޑައި ނުގަންނަވައެވެ."(3)
  • ތިން ރަކުޢަތުން ވިތުރި ނަމާދު ކުރެވޭ ދެވަނަ ގޮތް: ދެރަކުޢަތް ކޮށް، ސަލާމް ދިނުމަށްފަހު ވަކިން އެއްރަކުޢަތް ކޮށްގެން ވިތުރި ކުރުން. މިގޮތަށް ވިތުރި ކުރެވިދާނެ ކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިތުރިކުރައްވާހިނދު، (ފުރަތަމަ) ދެރަކުޢަތާއި (ވަކިން ކުރާ) އެއްރަކުޢަތް، ސަލާމަކުން ވަކި ކުރައްވަތެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެފަދައިން ކަންތައްކުރައްވާކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ.(4)

(ނުނިމޭ)

ރިފަރެންސް:

  1. ޙަދީޘް ރިވާކުރެއްވީ: އިމާމް މުސްލިމް (752)
  2. ޙަދީޘް ރިވާކުރެއްވީ: އިމާމް ބުޚާރީ، (990) މުސްލިމް (749)
  3. ޙަދީޘް ރިވާކުރެއްވީ: އައްނަސާއީ (3/234)، އަލްބައިހަޤީ (3/31)، އިމާމް އައްނަވަވީ އަލް މަޖްމޫޢުގައި (4/7) ވިދާޅުވެފައިވެއެވެ. "އައްނަސާއީ މިޙަދީޘް ރިވާކުރައްވާފައި ވަނީ ޙަސަން ދަރަޖައިގެ ސަނަދަކުންނެވެ. އަދި އަލްބައިޙަޤީ މިޙަދީޘް ރިވާ ކުރައްވާފައި ވަނީ ޞައްޙަ ސަނަދަކުންނެވެ."
  4. ޙަދީޘް ރިވާކުރެއްވީ: އިބްނު ޙިއްބާން (2435)، އިމާމް އިބްނު ޙަޖަރު ފަތްޙުލް ބާރީގައި (2/482)