މާދަމާ ބޭއްވޭ ލޯކަލް ކައުންސިލުގެ އިންތިހާބަކީ އެހެން އިންތިހާބުތަކާއި ޚިލާފަށް ހދ. ކުޅުދޫފުއްޓަށް ހާއްސަ އިންތިހާބެކެވެ.
ސަބަބުތައް ބައިވަރެވެ. މިއީ ކުޅުދޫފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބުމަށް ފަހު ބޭއްވޭ ފުރަތަމަ ލޯކަލް ކައުންސިލިގެ އިންތިހާބެވެ. ފުރަތަމަ އެސިޓީގެ މޭޔަރަކު އިންތިހާބުކުރަން ރައްޔިތުން ނިކުމެ ވޯޓު އަޅާނެ ފަހަރެވެ. ސިޓީ ކައުންސިލަރުން އިންތިޙާބު ކުރާނެ ފަހަރެވެ. ކުރު މުއްދަތަކަށް ނޫނެވެ. 5 އަހަރު ދުވަހަށެވެ.
މި އިންތިހާބުގެ ފޯރި އެ ސިޓީގައި ގަދަވެފައިވާއިރު ތަފާތު އެހެންކަމެއް ކެނޑިޑޭޓޫންގެ ނަންތައް އިޢުލާން ކުރުމާއި ހިސާބުން ކުޅުދުއްފުށީ ސިޓީ ހިމެނޭ ދާއިރާއަކުން ފާހަގަވެއެވެ. މިއީ ރާއްޖޭގެ އެއްވެސް ރަށެއްގައި އިންތިހާބުތަކުން ނުފެންނަ ކަމެކެވެ. އެއް ގޮނޑިއަކަށް އެއް ނަމެއް ކިޔާ ދެ ބޭފުޅުން އެބަ ވާދަކުރައްވައެވެ. މިއީ މިގޮތަށް އެއް ގޮނޑިއަކަށް އެއް ނަމެއް ކިޔާ ދެ ބޭފުޅުން ވާދަކުރައްވާ ފުރަތަމަ ފަހަރަށް ވުން އެކަށީގެން ވެއެވެ.
ކުޅުދުއްފުށީ ސިޓީގެ މެދު ދެކުނު ދާއިރާގެ މެމްބަރުކަމަށް ވާދަކުރައްވާ ދެ ކަނބަލުންވެސް އެއީ ވާދަވެރި ދެ ޕާޓީއަކަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ. ސަރުކާރު މައި ޕާޓީއާއި އިދިކޮޅު ޕާޓީގެ ގަދަ ހިފުމެކެވެ. ދެ ކަނބަލުންނަކީ ކުޅުދުއްފުށްޓަށް އުފަން ދެ ކަނބަލުންނެވެ. ދެ މީހުންގެ ފުރިހަަމަ ނަމަކީ ވެސް "ޢާތިފާ އަލީ" އެވެ.
"ޢާތިފާ އަލީ"؟
ވޮޓު ހޯދަން ދޮރުން ދޮރަށް ހިނގާއިރު "ޢާތިފާ އަލީ އަށް ވޯޓެއް ދެއްވާތި" މިހެން ބުނެލައިގެން ފަރުޖައްސާނުލެވޭނެ ހާލަތެކެވެ. ކެނޑިޑޭޓު ނަންބަރާއި ގޭގެނަން އަދި ތަމްސީލް ކުރާ ޕާޓީ ކިޔައިދިނުން މަޖުބޫރުވާ ހާލަތެކެވެ.

ކުޅުދުއްފުށީ، ދިވެހިގެ، ޢާތިފާ އަލީ ނިސްބަތްވެ ވަޑައިގަންނަވަނީ އެމްޑީޕީއަށެވެ. ކެނޑިޑޭޓް ނަމްބަރަކީ (11) އެވެ. ކުޅުދުއްފުށީ، ވިޝަން، ޢާތިފާ އަލީ ނިސްބަތްވެ ވަޑާއިގަންނަވަނީ ޕީޕީއެމްއަށެވެ. ކެނޑިޑޭޓް ނަމްބަރަކީ (10) އެވެ. ވީމާ މި ގޮނޑި މިހާރު މިވަނީ "ޢާތިފާ އަލީ" އެއް އިންތިހާބު ވާނޭކަން ކަށަވަރުވެފައެވެ.
ނޭނގެނީ ކައުންސިލްގެ ގޮނޑީގައި 5 އަހަރު ދުވަހަށް އިންނާނީ ކޮން "ޢާތިފާ އަލީ" އެއްކަމެވެ. ކޮން "ޢާތިފާ" އެއްތޯ ނިންމަވާނީ ވޯޓުލައްވާ ބޭފުޅުންނެވެ.
ހައިރާންވާންޖެހޭ ކަމަކީ އެދާއިރާއަށް މިނޫން ބޭފުޅެއް ކުރިމަތިވެސް ނުލައްވައެވެ. ކުޅުދުއްފުށީ ސިޓީގެ މެދު ދެކުނު ދާއިރާގެ ރައްޔިތުންނަށް ލިބޭ ވޯޓް ކަރުދާހުގައިވާނީ ދެފަހަރަށް "ޢާތިފާ އަލީ"ގެ ނަމެވެ. ތަފާތުވާނީ ކެނޑިޑޭޓް ނަންބަރާއި ޕާޓީއެވެ. އެޑްރެހެވެ. އެހެންކަމުން ވޯޓުލެއްވުމުގައި އެ ބޭފުޅަކު އިޚްތިޔާރުކުރާ ޢާތިފާއަކަށް ވޯޓްލެއްވުމުގައި ފަރުވާތެރިވުން މިތަނުގައި ހަނދުމަ ކޮށްދެމެވެ. ނަމަނަމަ ދެނަމުގައި ފާހަގަ ނުޖައްސަވައްޗެވެ. އެއިރުން އެވޮޓުގެ ރާހަތެއް އެތަނުން އެއްވެސް "ޢާތިފާ ޢަލީ" އަކަށް ރާހަތެއް ނުކުރާނެއެވެ.
މިތަނުން ކުޅުދުއްފުށީ ސިޓީގެ މެދު ދެކުނު ދާއިރާގެ މެމްބަރުކަމަށް ހޮވަން ބޭނުން ވެގެން ވޯޓު އަޅުއްވާނެ "ޢާތިފާ އަލީ"އެއް ކަނޑައަޅުއްވާނީ ތި ބޭފުޅުންނެވެ.
އިންތިހާބުގައި ވާދަކޮށް އިންތިހާބު ވުމުގެ ކުރިން ކަށަވަރުވާ ނަމަކަށް "ޢާތިފާ އަލީ" ވާއިރު "ޢާތިފާ އަލީ" އަށް ތިޔަ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!