ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ކައިރީ ބެލެނިވެރިންނާއި، ދަރިވަރުން މަޑުކޮށްލާއިރު ހިޔާ ލިބޭފަދަ 3 ތަނެއް، ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ހަަދައިދީފިއެވެ.

މިގޮތުން އެ ކްލަބްގެ މެންބަރުން ހިލޭ ސާބަހަށް ކޮށްފައިވާ އެ މަސައްކަތުން ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ބޭރުން ސްކޫލްކައިރިން ތިން ތަނެއް ވަނީ ބެލެނިވެރިންނާއި، ދަރިވަރުންނާއި އަދި މުދައްރިސުންނަށް ވެސް ހިޔާލިބޭނޭހެން ހިޔާކޮށްދީފައެވެ. މި ތިން ތަންވެސް ހިޔާކޮށްފައި ވަނީ ދަގަނޑު ހޮޅިން އޮނިގަނޑުހަދައި، ޓިނުން ހިޔާކޮށްގެންނެވެ.

Ad
rt

މީގެތެރެއިން ތައުލީމީ މަރުކަޒުގެ ދެ ގޭޓްކައިރިން ވަނީ މަގުގެ ދެ ދިމާލެއް ހިޔާކޮށްފައެވެ. އެއީ ފުޅާމިނުގައި 7 ފޫޓް އަދި ދިގު މިނުގައި 80 ފޫޓް ހުންނަ ތަނަކާއި، ފުޅާމިނަށް 7 ފޫޓް އަދި ދިގު މިނުގައި 40 ފޫޓް ހުންނަ ތަނެކެވެ. މީގެއިތުރުން އަތޮޅުގެއާއި ދިމާއިން މަގުމަތިން ވެސް 8 ފޫޓް 45 ފޫޓްގެ ތަނެއް ހިޔާކޮށްދީފަ އެވެ.

މިޑްލް ސްޕޯޓްސް ކްލަބުން ބުނީ، އެ މަސައްކަތް ފުރިހަމަވެގެން ދިޔުމުން އެ ތަންތަނުގެ ސަބަބުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި އަދި މުދައްރިސުންނަށް ފަސޭހަކަން ލިބިގެން ދާނެ ކަމަށް އުންމީދު ކުރާކަމަށެވެ.

''އެނގޭނެ މިރަށަކީ ވަރަށް ހޫނުގަދަ ރަށެއް، މަގުގައި ތާރުއެޅުމުން ހޫނުމިން ވަނީ މަގުތަކުގައި އެއްގުނަ އިތުރުވެފައި، އެހެންވެ ގަޑިޖެހުމުން ސްކޫލް ގޭޓް ހުޅުވަންދެން ކުދިން ގޮވައިގެންދާ ބެލެނިވެރިންނާއި، ދަރިވަރުންނާއި އަދި ކުދިން ބަލާދާ ބެލެނިވެރިން ވެސް މަޑުކޮށްލަން ޖެހިފައިއޮތީ އަވީގައި ގަދަ ހޫނުގައި، އެހެންވެ މިތަންތަން މި ހެދީ، މިތަނުގެ ސަަބަބުން ސްކޫލްގެ ބޭނުންކުރާ އެންމެނަށް ވެސް ފަސޭހަކަން ލިބުން އުންމީދަކީ'' އެ ކްލަބްގެ ރައީސް ނަޝްވާން އިބްރާޙީމް ''ތިލަދުން''އަށް ބުންޏެވެ.

ނަޝްވާން ބުނީ، އެތަންތަން ހިޔާކުރަން އޮނިގަނޑު ހެދިހިރު ބިމަށް ޖަހާފައިވާ ދަގަނޑު ހޮޅިތައް ހަރުކޮށްފައިވާނީ ވެސް ކޮންކްރީޓްއަޅައި، ދިގުމުއްދަތަށް ހުންނާނޭހެން ކަމަށެވެ. އަދި ހިޔާކުރުމަށް މަތީ އަވިނެޓް ދަމަން ބައެއް މީހުން ޚިޔާލު ދިންނަމަވެސް، އަގު ބޮޑު ވިޔަސް ޓިނުން އެތަންތަން ހިޔާކުރީ ވީހާވެސް ގިނަ ދުވަހު އެތަންތަން ބޭނުން ކުރެވޭހެން ބެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.

''މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާމިލެވުނީ ވަރަށް ގިނަ ބަޔެއްގެ އެޙީތެރިކަމާއެކު. ދިއްދޫ ވިޔަފާރިވެރިން، ވަކި ވަކި ފަރުދުންގެ އެޙީތެރިކަމާއެކު، މި ކަމުގައި އެޙީތެރިވެދެއްވި ހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، ޚާއްޞަކޮށް މިކުލަބުގެ ހީވާގި މެންބަރުން ބިޒީކޮށް އުޅެމުންވެސް މިކަމަށް ވަގުތު ހުސްކޮށް މި ޕްރޮޖެކްޓް ނިންމާލުމަށްޓަކައި ދެއްވި އެޙީތެރިކަމަށް މެނޭޖްމެންޓްގެ ފަރާތުން ޝުކުރު ދަންނަވަން'' ނަޝްވާން ބުންޏެވެ.

We have placed 3 shades sails on Shairul Ameen Magu (Bodumagu) around the school area to shade the area from sunlight...

Posted by Middle Sports Club on Sunday, April 4, 2021

މިޑްލް ސްޕޯޓްސް ކްލަބްގެ ހީވާގި މެންބަރުން މި މަސައްކަތް ނިންމާލާފައި ވަނީ މަހެއްހާ ދުވަހުގެ މަސައްކަތުންނެވެ. އެ މުއްދަތުގައި ކޮންމެ ދުވަހަކު ހެން ހަވީރު ދެ ގަޑިއިރު އެ ކްލަބްގެ މެންބަރުން ވަނީ އެ މަސައްކަތަށް ހޭދަކޮށްފައެވެ.

އެ ކްލަބްގެ ދެން އޮތް މަސައްކަތަކީ، ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތަށް ބޭނުންވާ ފަންޑް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް އެ ކްލަބުން ހުށަހެޅި ޕްރޮޕޯސަލް މިހާރު ވަނީ ކާމިޔާބުވެސް ވެފަ އެވެ.

ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބަކީ، އެރަށުގައި ގިނަ އިޖުތިމާއީ ހަރަކާތްތަކެއް ތަކެއް ހިންގާ އެރަށުގެ ރައްޔިތުންނަށާއި، މުއައްސަސާތަކަށް އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ހަރަކާތްތެރި ޖަމިއްޔާ އެކެވެ.