މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ސަރަޙައްދުގައި ކެރޭން ބޭނުން ކޮށްގެން ކާޕެޓް ރޯލުތަކެއް ދޯންޏަކަށް އެރުވުމުގެ މަސައްކަތުގެ ތެރެއިން ކާޕެޓްރޯލެއް ގައިމައްޗަށް ވެއްޓި، ލިބުނު އަނިޔާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވި ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28، ގެ ނަމުގައި އެ އާއިލާއިން ނޮޅިވަރަމްގެ ދެ މުއައްސަސާއަކަށް އެހީތެރިވެއްޖެއެވެ.

މިގޮތުން އިމްރާންގެ ޢާއިލާއިން، އެ މަރްޙޫމްގެ ނަމުގައި 55 އިންޗީގެ 6 ޓީވީ ނޮޅިވަރަން ސްކޫލަށް ވަނީ ހަދިޔާ ކޮށްފައެވެ. ސްކޫލްގެ ފަރާތުން މި ޓީވީތަކާއި ހަވާލުވެލެއްވީ، ސްކޫލްގެ ޕްރިންސިޕަލް އަދުނާން ޢަލީއެވެ.

Ad
rt

އަދި މީގެއިތުރުން އެ ރަށު ސިއްޙީ މަރުކަޒަށް ދެ އޮކްސިޖަން ކޮންސެންޓްރޭޓަރ ވެސް އިމްރާންގެ އާއިލާގެ ފަރާތުން ވަނީ ހަދިޔާ ކޮށްފައެވެ. އެ މަރުކަޒުން އެ 2 އޮކްސިޖަން ކޮންސެންޓްރޭޓަރއާއި ހަވާލުވެލެއްވީ އެޑްމިނިސްޓްރޭޓަރ ޝާފިޢު މުޙައްމަދެވެ.

އެ ތަކެތި އިމްރާންގެ ނަމުގައި އެ އިދާރާތަކާއި ހަވާލުކޮށްދެއްވީ އިމްރާންގެ ކޮށްކޮ އިނާޒް ޢަލީއެވެ.

މަރްޙޫމް ޢިމްރާންގެ ޢާއިލާއިން ސިއްޙީ މަރުކަޒަށް ދެ އޮކްސިޖަން ކޮންސެންޓްރޭޓަރ ހަދިޔާކުރުމުގެ ތެރެއިން

އިމްރާންގެ ބޮލަށް ކާޕެޓްރޯލް ވެއްޓުމުގެ ހާދިސާ ހިނގާފައިވަނީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ދަންވަރުއެވެ. އެ ހާދިސާއާއި ގުޅިގެން ފުރަތަމަ އިމްރާނަށް ފަރުވާދީފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައެވެ. އައިޖީއެމްއެޗްގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް އިމްރާން އިންޑިއާއަށް ގެންގޮސްފައިވަނީ 15 ފެބްރުއަރީގައެވެ.

އިމްރާން ނިޔާވެފައިވަނީ އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.