އަލްޤާޞީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ "ތާރީޚް އިސްލާމި ދީބާ މަޙަލް" ފޮތަކީ، ރާއްޖޭގެ ތާރީޚުގެ ވަރަށް އަގުހުރި ރަންމުތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ވަނީ، ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ "ތާރީޚް އިސްލާމި ދީބާ މަޙަލް" ގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ނެރެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް ޞާލިޙް ވިދާޅުވީ، ދިވެހިރާއްޖޭގެ ތާރީޚާ ބެހޭގޮތުން، ޙަސަން ތާޖުއްދީން ލިޔުއްވި ފޮތް، "ތާރީޚު އިސްލާމި ދީބާ މަޙަލް" އަކީ، ރާއްޖޭގެ ތާރީޚުގެ ވަރަށް އަގުހުރި ރަންމުތެއް ކަމަށާއި، އެއީ ރާއްޖޭގެ ތާރީޚާ ބެހޭގޮތުން ދިވެއްސަކު އެންމެ ފުރަތަމަ ލިޔުއްވި ފޮތް ކަމަށްވާތީ، ޤައުމީ ތަރިކައެއްގެ ގޮތުންވެސް، މި ފޮތުގެ މަޤާމާއި ދަރަޖަ އެތައް ގުނައެއް އުފުލިގެންދާނެ ކަމަށެވެ.

މި ފޮތުގެ އަޞްލު ލިޔުއްވާފައި އޮތީ ޢަރަބިބަހުން ކަމަށްވާތީ، މި ޒަމާނުގެ ސާފު ދިވެހިބަހަށް މި ފޮތް ތަރުޖަމާކުރައްވައި ޗާޕުކުރައްވައިގެން ނެރުއްވުމަކީ، ރާއްޖޭގެ ކިޔަވާ ކުދިންނަށް ލިބުނު ވަރަށް އަގުހުރި ޢިލްމީ ހަދިޔާއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންނަށް ލިބުނު، ވަރަށް އިތުބާރު ހުރި މަޞްދަރަކަށްވެސް މި ފޮތް ވާނެކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

''މި ފޮތުގައި ހުރި ވާހަކަތަކަށް ބަލާއިރު، މިއީ ހަމައެކަނި ތާރީޚު ފޮތެއްވެސް ނޫން. މިއީ ދުނިޔަވީ ކަންކަމުގައި ހެޔޮ އިރުޝާދު ބޭނުންވާ މީހަކަށް ވަރަށް ބޭނުންތެރި އަގުހުރި ނަޞޭޙަތްތަކެއް. އިންސާނީ ތާރީޚުގެ ފަތްފުށްތަކުން ޢިބްރަތް ޙާޞިލުކުރަން އެދޭ މީހަކަށްވެސް، އެތައް ދަރުސްތަކެއް ލިއްބައިދޭނެ ފޮތެއް. ވަކިން ޚާއްޞަ ގޮތެއްގައި، ރާއްޖޭގެ ސިޔާސީ މަސްރަޙުގެ އޮއިވަރު، އެނބުރެމުން ބަދަލުވަމުން އައި ގޮތުގެ، ވަރަށް ރީތި ކުލަ ތަޞްވީރެއް، މި ފޮތުން ފެނިގެން ދޭ. ބައެއް ރަހުންނާއި ރަނިންގެ ރަސްކަން ފުރޮޅިގެން ދިޔުމަށް މެދުވެރިވި ސަބަބުތަކާއި، ވެރިންނާއި ރައްޔިތުންނާ ދެމެދުގެ ގުޅުންތަކުން، ރަސްކަމަށް އަސަރުކުރި ގޮތާއި، އޭގެ ނަތީޖާވެސް މި ފޮތުން އަޅުގަނޑުމެންނަށް ދައްކައިދޭ.'' ރައީސް ވިދާޅުވިއެވެ.

ރަސްކަމުގެ ކޮއިލު ތެރޭގައި ހިނގި ޢާއިލީ ގަޑުބަޑުތަކުގެ ސަބަބުން، ދިވެހި ދައުލަތަށް ލިބުނު ގެއްލުންތަކާއި، އެ ގެއްލުންތަކުން ރައްޔިތުންނަށް ކުރި އަސަރުތައްވެސް، މި ފޮތުން ކޮންމެވެސްވަރަކަށް ސިފަވެގެންދާކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތު، އެ ޒަމާނުގައި އޮތްގޮތްވެސް، މި ފޮތުން ކޮންމެވެސްވަރަކަށް ޚިޔާލަށް ގެންނެވޭނެ ކަމަށެވެ.

''ރާއްޖޭގެ ތާރީޚަކީ، މީލާދީ ސަނަތު ގުނަން ފެށުމުގެ، 500 ވަރަކަށް އަހަރަށް ވުރެވެސް ދޮށީ ތާރީޚެއް. ނަމަވެސް، ރާއްޖޭގެ ތާރީޚު އަޅުގަނޑުމެންނަށް ކިޔައިދޭ ލިޔުންތައް ލިޔަން ފެށިފައި މިއޮތީ، ރާއްޖެ އިސްލާމްވުމާ ހަމައިން. މި ދެންނެވީ، މީލާދީން 1195 ވަނަ އަހަރާއި 1196 ވަނަ އަހަރާ ދެމެދު ލިޔެފައިވާ އިސްދޫ ލޯމާފާނާއި ގަމު ލޯމާފާނު ވާހަކަ. އަދި 1196 ވަނަ އަހަރާއި 1197 ވަނަ އަހަރާ ދެމެދު ލިޔެފައިވާ ދަނބިދޫ ލޯމާނާއި، މީލާދީން 13 ވަނަ ޤަރުނުގެ ތެރޭގައި ލިޔެފައިވާ ހައްދުންމަތީ ލޯމާފާނު. މިއީ މި ރާއްޖޭގެ އެންމެ އެވޭލާ ތާރީޚީ ލިޔުންތަކުގެ ގޮތުގައި ފެންނަން ހުރި ތަކެއްޗަކީ.'' ރައީސް ވިދާޅުވިއެވެ.

ލޯމާފާނުތައް ލިޔެވުނު ދުވަސްވަރާއި، ރާއްޖޭގައި މީހުން ވަޒަންވެރިވެ ދިރިއުޅެން ފެށި ދުވަސްވަރަށް ބަލާއިރު، ރާއްޖޭގެ ތާރީޚުގެ ވަރަށް ބޮޑު ބައެއް އޮތީ، މާޒީގެ އަނދިރިކަމުގެ ތެރެއަށް ގެއްލިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވި ހިސާބުން ފެށިގެން، ރާއްޖޭގެ ތާރީޚު ލިޔަމުން އައި ކަމުގައިވިޔަސް، އެކަން ކޮށްފައި އޮތީވެސް މާ ހަރުދަނާ ގޮތެއްގައި ކަމަށް ދެންނެވޭކަށް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

''މިހެން މި ދެންނެވީ، ރާއްޖޭގެ ތާރީޚާ ބެހޭގޮތުން ލިޔެވިފައި ހުރި ލިޔުންތައް މަދުކަމުން. ވަކިން ޚާއްޞަކޮށް، ޢިލްމީ ގޮތެއްގައި ދިރާސާކޮށްގެން ލިޔެވިފައި ހުރި ލިޔުންތައް މާބޮޑަށްވެސް މަދު. ރާއްޖޭގެ އިހުގެ ތާރީޚު ލިޔެފައި ހުރި މަދު ލިޔުންތަކުގައިވެސް، ރަސްރަސްކަލުންގެ ނަންފުޅުތަކާއި، އެ ބޭފުޅުންގެ ރަސްކަމުގެ ކަންކަން ހިނގައިދިޔަ ގޮތްތައް ލިޔެވިފައި ހުރީ، އެކި މީހުންގެ ތުންތުންމަތިން ވާރުތަވަމުން އައިގޮތަށް. މި ދެންނެވީ ރަސްމީ އެއްވެސް ސިފައެއްގައި، ރާއްޖޭގެ އެންމެ އިހުގެ ތާރީޚު ލިޔެ ރައްކާކުރެވިފައި ނެތް ވާހަކަ. ރާއްޖެ އިސްލާމްވުމަށް ފަހުގައި ހިނގި ބައެއް ކަންކަން ލިޔެވިފައި ހުއްޓަސް، ޤައުމެއްގެ ނިސްބަތުން ބަލާއިރު އެއީވެސް ވަރަށް މަދު، އަދި ވަރަށް ހަނި ދާއިރާއެއްގައި ލިޔެފައި ހުރި ވާހަކަތަކެއް.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭގެ ތެރެއިންވެސް މި ފޮތަކީ، ރާއްޖޭގެ ތާރީޚުގެ ވަރަށް މުހިންމު ފޮތެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، މި ފޮތް ދިވެހިބަހަށް ތަރުޖަމާކޮށްގެން ނެރުމަކީ، މުހިންމު މަސައްކަތެއް ފުރިހަމަވީ ކަމަށް ދެކެވަޑައިނުގަތުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށާއި، މިއީ ފެށުމެއް ކަމަށް ބައްލަވައިގެން، ދެން މަސައްކަތް ކުރައްވަންވީ، ޢިލްމީ ގޮތެއްގައި ރާއްޖޭގެ ތާރީޚު ދިރާސާކުރައްވަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

''ރާއްޖޭގެ ޢުމުރުގެ ދޮށީކަމަށް ބަލާއިރު، ދިވެހިންގެ އާސާރީ ތަރިކަތައްވެސް، އަޅުގަނޑުމެންނާ ހަމައަށް ވާރުތަވެފައި ހުރީ ވަރަށް މަދުން. އަދި އެ ތަކެތީގެ މައްޗަށް ކުރެވިފައި ހުރި ޢިލްމީ ދިރާސާތައް އެއަށްވުރެ މާ މަދު. ޙަސަން ތާޖުއްދީންގެ މި ފޮތަކީވެސް، އިތުރަށް ދިރާސާކޮށް، ރާއްޖޭގެ އިހުގެ ތާރީޚާ ބެހޭގޮތުން، އިތުރު ހޯދުންތަކަށް މަގުފަހިކޮށްދޭނެ ފޮތެއް ކަމަށް އަޅުގަނޑު ދެކެން. ތާރީޚު ލިޔުމާއި ދިރާސާކުރުމަކީ އަޅުގަނޑުމެން އަބަދުވެސް ކުރަންޖެހޭ ކަމެއް. އެއީ، ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގައި މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންގެ ކޮނޑުގައި އެޅިފައިވާ، ވަރަށް މުހިންމު ޤައުމީ މަސައްކަތެއް. އަޅުގަނޑުމެން ދިރާސާކުރަންވީ، ހަމައެކަނި އިހުގެ ތާރީޚެއް ނޫން. ޙަޤީޤަތުގައި ތާރީޚު ލިޔުމަކީ، އެއިރެއްގައި އެކަމެއް ހިނގިގޮތަށް، އެއްވެސް ތަޢައްޞުބެއް ނެތި، ތެދު ބަހުން ހާމަކޮށްދިނުން. އެކަން ކުރެވޭނީ، އެކަންކަން ލޮލުން ދެކި އަތުން ހިފި ބަޔަކަށް. އަދި ލިޔަންވީވެސް، އެ ކަމެއް ހިނގަމުންދާ ދުވަސްވަރެއްގައި.'' ރައީސް ވިދާޅުވިއެވެ.

މާފަހުން އަންނަ ބަޔަކު، ދޫދޫ މަތިން އަޑުއަހާ ވާހަކަތަކެއްގެ މައްޗަށް، އެ ޤައުމެއްގެ ތާރީޚު ބިނާކުރަންވެއްޖެނަމަ، ތާރީޚު އޮޅުންބޮޅުން ވެގެން ދިޔުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި އެކަމަށް ފުރުޞަތު ނުދިނުމަށްޓަކައި، އެއިރެއްގެ ޙާލަތާ ބެހޭގޮތުން ޢިލްމީ ލިޔުންތައް ލިޔަމުން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ މި ފަހުގެ ތާރީޚަށް ބަލާއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ރަސްކަމުން ޖުމްހޫރިއްޔަތަށް، އަދި އަނެއްކާ ރަސްކަމަކަށް ބަދަލުވެ، އޭގެފަހުން މިހާރު މި އޮތް ޖުމްހޫރީ ނިޒާމަށް ބަދަލުވެގެން އައިގޮތުގެ ތާރީޚު ލިޔެފައި އެބަހުރިކަމަށާއި، ނަމަވެސް ދެވަނަ ޖުމްހޫރިއްޔާގެ ކުރީކޮޅުގެ ތާރީޚުން އަޅުގަނޑުމެންނަށް މާގިނަ އެއްޗެއް ފެންނާކަށް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތަށް މެދުވެރިވަނީ، އެއިރެއްގެ ތާރީޚު އެއިރެއްގައި ލިޔުމަށް ސަމާލުކަން ނުދިނުމުން ކަމަށާއި، އެހެންވީމާ، މިހާރުގެ ތާރީޚު އަޅުގަނޑުމެން ލިޔަމުން ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ފަހުން އަންނަ ބަޔަކު ކުރުމަށް ދޫކޮށްލަންވީ ކަމެއް ނޫން ކަމަށާއި، ނަމަވެސް ތާރީޚު ލިޔުމަކީ، ވަރަށް އަމާނާތްތެރިކަމާއި ވަރަށް ތެދުވެރިކަމާ އެކުގައި ކުރަންޖެހޭ، އަދި އެއީ ޢިލްމީ އުޞޫލުތަކާ އެއްގޮތަށް ކުރަންޖެހޭ ކަމެއް ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.