''އޮފް ޑިއުޓީގައި'' މޫދަށް މަސްހިފަން ގޮސް އުޅެނިކޮށް ގެއްލުނު ސިފައިންގެ މީހާ ހޯދަމުން ދަނިކޮށް، އޭނާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނު ލާންސް ކޯޕްރަލް ހުސައިން ފާރިޝްގެ ހަށިގަނޑު ކޯސްޓްގާޑްގެ ޑައިވަރުންނަށް ކަނޑުއަޑިން ފެނިފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ކަނޑުގެ 12 މީޓަރު އަޑިންނެވެ.
ފާރިޝްގެ ހަށިގަނޑު ފެނުނީ މިރޭ 20:50 ހާއިރު ކަމަށާއި އޭނާގެ ހަށިގަނޑު އެމްއެންޑީއެފް ލޯންޗަށް ނަގައިގެން ކައްދޫ އަށް ދަތުރު ކުރަމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
ފާރިޝް ގެއްލުނީ، އިތުރު 3 ސިފައިންގެ އޮފިސަރުންނާއެކު ލ. ކައްދޫގެ އިރުމަތީފަރާތު މޫދަށް މަސްހިފަން ފައިބައިގެން އުޅެނިކޮށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވާ އިރުއޮއްސި 5:40 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެހާދިސާގައި ފާރިޝް އޮއިގަނޑެއްގައި ޖެހި ގެނބެން ފެށުމުން ސަލާމަތް ކުރަން މަސައްކަތް ކުރުމުގެ ތެރޭގައި އިތުރު ސިފައިންގެ މީހެއް ގެނބިގެން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!