ފުލުހުންގެ ޤާނޫނަށް މިގެނެވިފައިވާ ބަދަލާއި ގުޅިގެން އަތޮޅުތަކަށް ނިސްބަތްވާ ވަކިވަކި ފުލުހުންނަށްވެސް، އެމީހުންގެ އަތޮޅާއި ރަށުގައި ތިބެގެން، ޢާއިލާއާ ގާތުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތަށް 88 އަހަރު ފުރުމުގެ މުނާސަބާގައި ދެއްވި ޚިޠާބުގައެވެ.

Ad
rt

ރައީސްގެ ޚިޠާބުގައި ވަނީ، ދިވެހި ފުލުހުންގެ 88 ވަނަ އަހަރީ ދުވަހާ ބައްދަލުކުރީ، އަލަށް އެކުލަވައިލި "ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު"އަށް ޢަމަލުކުރަން ފެށި ތާރީޚީ މުނާސަބަތާވެސް ދާދި އެކުއެކީގައިކަން ފާހަގަކުރަށްވާފައެވެ.

މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުން އަންނަ ފުލުހުންގެ އައު ޤާނޫނުގެ ސަބަބުން، ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި، ދިވެހި ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެކަމުގައި ޔަޤީންކުރަށްވާ ކަމަށާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކާއި، އިންސާނީ ކަރާމާތަށް އިޙްތިރާމުކުރުމާއެކު، ޤާނޫނުގެ ވެރިކަމުގެ ތެރެއިން ދެވޭ ޚިދުމަތަކަށް، ދިވެހި ފުލުހުންގެ ޚިދުމަތް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ޚިޠާބުގައި ރައީސް ފާހަގަކުރެއްވި ގޮތިގައި ފުލުހުންގެ ޤާނޫނަށް މިގެނައި ބަދަލާ ގުޅިގެން، ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ލާމަރުކަޒު ކުރެވި، ކޮމިޔުނިޓީ ޕޮލިސިންގެ އުސޫލުން، ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، މަދަނީ ޖަމުޢިއްޔާތަކާ ގުޅިގެން ދެވޭ ޚިދުމަތެއްގެ ގޮތުގައި ބައްޓަންވެގެންދާނެއެވެ.

''މިބަދަލުގެ ސަބަބުން، އަތޮޅުތަކަށް ނިސްބަތްވާ ވަކިވަކި ފުލުހުންނަށްވެސް، އެމީހުންގެ އަތޮޅާއި ރަށުގައި ތިބެގެން، ޢާއިލާއާ ގާތުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަޅުގަނޑުގެ އުންމީދަކީ، މި މުހިންމު ބަދަލުތަކުގެ ސަބަބުން، ރައްޔިތުންނާ ގާތުން ޚިދުމަތް ދެވި، ރައްޔިތުންގެ ހިތްތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތާމެދު އިތުބާރާއި ޔަޤީންކަން އިތުރުވެގެންދިޔުމެވެ.'' ރައީސް ވިދާޅުވެފަ ވެއެވެ.

ރައީސް ވިދާޅުވިގޮތުގައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ނުކުންނަ ޒުވާނުންނަކީ، ތަޢުލީމީ ގޮތުންނާއި ހުނަރުވެރިކަމުގެ ގޮތުން ޤާބިލް ބަޔަކަށް ހެދުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް، ކުރިމަގުގައި މިހާރަށްވުރެ ފުޅާވެގެންދާނެއެވެ. އަދި ދިވެހި ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުގެ ވެލްފެއަރގެ ކަންތައްވެސް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، އަދި މިހާރަށްވުރެ އިތުބާރު ހުރި ގޮތެއްގައި ލިބެމުންދާނެ މަގުވެސް ސަރުކާރުން ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ސިފައިންނާ އެކުގައި ކުރިން އޮތް ދިވެހި ފުލުހުންގެ ޚިދުމަތް، މަދަނީ ޚިދުމަތެއްގެ ގޮތުގައި މުޅިން ވަކި މުއައްސަސާއަކަށް ބަދަލުވުމަށްފަހު، މިވީ 17 އަހަރުގެ ތެރޭގައި، ފުލުހުންގެ ކުރިއެރުމާއި ތަރައްޤީއަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅެއް ކަމުގައި އެމަނިކުފާނު ދެކިވަޑައިގަންނަވަނީ، ފުލުހުންގެ ޤާނޫނީ އޮނިގަނޑަށް މިގެނެވުނު މުހިންމު ބަދަލުކަމަށް ރައީސް ވަނީ ޚިޠާބުގައި ފާހަގަ ކުރަށްވާފައެވެ.

މި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، މިނިވަން ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި، ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް، ފުލުހުންނަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަމާއި، ޤާނޫނީ ބާރާއި، ޤާނޫނީ ހައިސިއްޔަތު، ފުލުހުންގެ މުއައްސަސާއަށާއި މުވައްޒަފުންނަށް ލިބިދިން ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.