ހއ. ކެލާ ތުނޑީގައި ޓޫރިސްޓް ހޮޓެލެއް ތަރައްގީކޮށް ހިންގަން ސޮއިކުރިތާ 11 ދުވަސްތެރޭ އެ ޓޫރިސްޓް ހޮޓަލުގެ ސާވޭގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

އެ ޓޫރިސްޓް ހޮޓާ ތަރައްގީކޮށް، ހިންގުމަށް ބިޑް ކާމިޔާބުކޮށްފައި ވަނީ ފެޑޯ އިންވެސްޓްމެންޓުންނެވެ. އެ ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި، ފެޑޯ އިންވެސްޓްމެންޓާއި ދެމެދު ސޮއިކުރީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

Ad
rt

އެ ހޮޓަލުގެ މަސައްކަތް ފެށުމަށް ބޭނުވާ ސާވޭގެ މަސައްކަތް ކުރުމަށް ކެލާއަށް ސާވޭ ޓީމް ދިޔައީ އިއްޔެއެވެ. އެ ޓީމާއެކު ފެޑޯ އިންވެސްޓްމެންޓްގެ ދެ ޑިރެކްޓަރަކާއި، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް ވެސް އެ ރަށަށް ވަޑައިގަތެވެ.

ސާވޭޓީމް މަސައްކަތުގައި

މި ހޮޓަލަކީ 100 އެނދުގެ ހޮޓަލެކެވެ. މި ހޮޓާ ތަރައްގީކޮށް 2 އަހަރާއި ބައިގެ ތެރޭގައި ހުޅުވަން ޖެހެއެވެ.

މިގޮތުން ކެލާ ތުނޑީ ސަރަހައްދުން 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދު އެ ހޮޓާ ތަރައްގީކޮށް ހިންގުމަށް ވަނީ ދޫކޮށްފަ އެވެ.

ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން 14 ބިމެއް ދޫކުރަން މިހާރު ވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ. މިގޮތުން ގެސްޓްހައުސް އެޅުމަށް 5،000 އަކަފޫޓުގެ 12 ބިމާއި ޓޫރިސްޓް ހޮޓާ ހަދަން 10،000 އަކަފޫޓުގެ 2 ބިމެއް ދޫކުރަން ވަނީ ހުޅުވާލާފަ އެވެ. އެ ބިންތަކަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 30 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ހަމަވާނެއެވެ.

ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓާ އެންމެ 10 މޭލު ދުރުގައި އޮންނަ ކެލާ އަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ، ބޮޑުމިނުގައި 213 ހެކްޓަރު ހުންނަ ރަށެކެވެ. އެރަށުގައި މިހާރުވެސް ފަސް ގެސްޓްހައުސް އެއް ހިންގައެވެ.

ކެލާއަށް ވަނީ، މޯލްޑިވްސް ޓްރެވަލް އެވޯޑް 2017 ގެ ގެސްޓް ހައުސް އެޑިޝަންގެ "ލީޑިންގ ބީޗް އައިލަންޑް އެވޯޑު" ލިބިފައެވެ.