ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށު ކައުންސިލުތަކާއި ކުލަބް ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ވޮލީ މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލަށް ނޮޅިވަރަންފަރު ލައިކަންއާއި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ ދަތުރު ކޮށްފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 25 މާޗް 2021 ވީ ބުރާސްފަތި ދުވަހު ބައްދަލު ކޮށްފައިވަނީ ނޮޅިވަރަންފަރު ލައިކަންއާއި ޓީމް ނައިވާދޫއެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ނޮޅިވަރަންފަރު ޓީމުންނެވެ. އެ ޓީމް ސެޓްތައް ގެންގޮސްފައިވަނީ (25/15، 25/16، 25/16 ) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ނޮޅިވަރަންފަރު ޓީމުގެ ޖޯޒީ ނަމްބަރު 07 އައިމިނަތު އަރީޝާއެވެ.

Ad
rt

މި މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި 26 މާޗް 2021 ވީ ހުކުރު ދުވަހު ބައްދަލު ކޮށްފައިވަނީ ކުމުންދޫ ސްޕޯޓްސް ކުލަބާއި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއެވެ. ފޯރިގަދަ ވާދަވެރި ކުޅުމަކަށް ފަހު ތިންސެޓް އެއް ސެޓުން މި މެޗު ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ ހޯދާފައިވަނީ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިންނެވެ. އެ ޓީމް ސެޓްތައް ގެންގޮސްފައިވަނީ (25/13، 25/18، 20/25، 26/24 ) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހަނިމާދޫ ޓީމުގެ ޖޯޒީ ނަމްބަރު 17 ފާތިމަތު ސަމާއެވެ.

ނޮޅިވަރަންފަރު ލައިކަންއާއި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ ބައްދަލުކުރާ އަންހެން ކެޓަގަރީގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 28 މާޗް 2021 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:15 ގައި ނޮޅިވަރަންފަރު ވޮލީ ކޯޓުގައެވެ.