ކޯވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި، ކުޅުދުއްފުށީ ސިޓީއިން އިއްޔެއާއި މިއަދު 125 ސާމްޕަލެއް ނެގިފައިވާ ކަމަށް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ.
ކޭއާރުއެޗްއިން ބުނެފައިވަނީ، މި ސާމްޕަލްސްތަކުގެ ނަތީޖާ އެންމެ ލަސްވެގެން މިރޭގެ ވަގުތެއްގައި ލިބޭނެ ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނީ ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތުން ނެގޭނީ މިރޭގެ އެ ސާމްޕަލްތަކުގެ ނަތީޖާ އަންނަ ގޮތަކުން ކަމަށް ލަފާކުރެވޭ ކަމަށެވެ.
''އިއްޔެ އަދި މިއަދު އަޅުގަނޑުމެން ވާނީ 125 ކޮވިޑް ސާމްޕަލްސް ނަގާފައި. މި ސާމްޕަލްސްތަކުގެ ނަތީޖާ އެންމެ ލަސްވެގެން މިރޭގެ ވަގުތެއްގައި ލިބޭނެ. މޮނިޓަރިންގެ ހާލަތުން ވީއްލޭނެ ކަމަށް ބެލެވެނީ މި ސާމްޕަލްސްތަކުގެ ނަތީޖާއަށް ބެލުމަށް ފަހު. މި ހާތަނަށް ޕޮޒިޓިވް ވީ ކޭސްތަކާ ގުޅިގެން 200 ސާމްޕަލް ވަނީ ނެގިފައި. އޭގެތެރެއިން 70 ސާމްޕަލް ވަނީ ނެގެޓިވް ވެފައި.'' ކޭއާރުއެޗްއިން ބުނެފަ ވެއެވެ.
އެ ހޮސްޕިޓަލުން ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއެއްގޮތަށް މާސްކު އަޅައި، ސާފުތާހިރުކަމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ނަސޭހަތްތެރި ވެފައެވެ.
''މި ފުރުސަތުގައި ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާ ކުރަން، ކުޅުދުއްފުށި ސަލާމަތްކަމާއި ރައްކާތެރިކަމާއެކު މި އޮންނަނީ ތިޔަ ލޮބުވެތި ރައްޔިތުންގެ ހެޔޮ ދުޢާއާއި އެއްބާރުލުމުންކަން ޔަޤީން.'' ކޭއާރުއެޗްއިން ބުނެފަ ވެއެވެ.
ޅ. ނައިފަރުން ކޭއާރުއެޗްއަށް އިތުރު ފަރުވާއަށްގެނެސް ފަރުވާދިނުމަށް އެޑްމިޓްކޮށްފައިވާ ބަލިމީހަކާއި އެމީހާގެ އެހީތެރިޔާ ކޯވިޑްއަށް ޕޮޒިޓިވްވެފައިވާއިރު، އެ ކޭހާއި ގުޅިގެން 4 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް މިމަހުގެ25 ވަނަ ދުވަހުގެރޭ އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މިކޭސް ތަކާއި ގުޅިގެން ކުޅުދުއްފުށިވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
ކޭއާރުއެޗްއިން ވަނީ، މި މާރިޗު މަހުގެ 21 ވަނަ ދުވަހުގެ ފަހުން އެހޮސްޕިޓަލަށް ޒިޔާރަތް ކޮށްފައިވާ ފަރާތްތަކުން އެ ހޮސްޕިޓަލްގެ ހޮޓްލައިން ނަންބަރ 7606688އަށް ގުޅާ މައުލޫމާތު ހިއްސާ ކޮށްދޭން ވެސް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!