ހއ. ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށު ފެހިފަތް، މުޙައްމަދު ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ހާއްސަ ހަރަކާތެއް ހިންގުމަށް ނިންމައިފިއެވެ.

މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި "ހެލްޕް ފަޟީލް ފޯ ކިޑްނީ ޓްރާންސްޕްލާންޓް" ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތް އޮންނާނީ 01 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހާއި 02 އޭޕްރިލް 2021 ވާ ހުކުރު ދުވަހުއެވެ.

Ad
rt

މި ދެ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ދިއްދޫ ބޮޑު މަގުގެ ދެ ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ފަޟީލްގެ ކިޑްނީ ބަދަލު ކުރުމަށް ފައިސާ ހޯދުމުގެ ގޮތުން ކަޕް ކޭކް ވިއްކުމާއި އަދި ހަރަކާތާއިގުޅޭ ޓީޝާޓް ވިއްކުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތުގެ ތެރެއިން ސަރުކާރުގެ މުއައްސަސާތަކުންނާއި ކުންފުނިތަކުނާއި ވިޔަފާރިވެރިން އަދި ޖަމްޢިއްޔާތަކުގެ ނަމުގައި ވެސް "ހެލްޕް ފަޟީލް ފޯ ކިޑްނީ ޓްރާންސްޕްލާންޓް" ފަންޑަށް އެހީވެވޭނެ ކަމުގައި މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން ހާމަ ކޮށްފައިވާ މަޢުލޫމާތުގައިވެއެވެ.

މި ހަރަކާތާއި ގުޅޭގޮތުން ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން މިޑްލް ސްޕޯޓްސް ކްލަބްގެ ރައީސް ނަޝްވާން އިބްރާހީމް ބުނެފައިވަނީ މި ހަރަކާތް ކުރިއަށްދާ ވަގުތު، ހަރަކާތާއި ގުޅޭ ހާއްސަ ފޮޓޯ ނެގުމުގެ ފުރުޞަތު ވެސް ލިބިގެން ދާނެ ކަމަށެވެ. އަދި މި ހަރަކާތުގައި ދިއްދޫގެ ކުދިބޮޑު އެންމެން ބައިވެރިވެ ފަޟީލަށް އެހީވުމަކީ އެ ކުލަބުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.