މިޔަރު ބާނަން އުޅުނު ބަޔަކު ފުލުހުން ހުއްޓުވައިފި އެވެ.

މީޑީއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ އެ ދޯނި ހުއްޓުވީ އދ. މަންދޫ ކައިރީގައި ބަޔަކު މިޔަރު މަސްވެރިކަން ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

Ad
rt

ހަަތަރު މީހުން ތިބި އެ ދޯނި ފުލުހުން ހުއްޓުވައިފައިވަނީ މާވަރު ފަޅު ކައިރިން ނެވެ.

ފުލުހުން ބުނީ ދޯނި ބަލައި ފާސްކުރިއިރު ދޯނި ތެރެއިން މިޔަރާއި މިޔަރުގެ އުރަހައާއި ލޮނު އަޅާފައި ހުރި މިޔަރު މަސް ފުލުހުންނަށް ފެނިފައިވާކަމަށެވެ. އެމައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ލޮނުމަހުގެ ނަމުގައި އޮޅުވާލައިގެން ރާއްޖެއިން ބޭރު ކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ މިއަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ވަނީ އަތުލައިގެންފަ އެވެ.

މިޔަރުގެ މަސްވެރިކަމަކީ 2010 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ވަރަށް ފުޅާކޮށް ކުރަމުން އައި ކަމެކެވެ. މިޔަރުގެ އުރަހަ އާއި ތެޔޮ ވިއްކުން ފަދަ އެތައް ކަމަކުން އާމުދަނީ ހޯދި އެވެ. އެކަމަކު މީގެ އަށް އަހަރު ކުރިން މިޔަރު މަސްވެރިކަން ރާއްޖޭގައި މަނާކުރީ އޭގެ އާބާދީ ނެތި ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މިޔަރު އުރަހަ ވިއްކުމާއި އިމްޕޯޓް/އެކްސްޕޯޓް މަނާ ކުރި ނަމަވެސް ޗައިނާ ފަދަ ބައެއް ބޮޑެތި ގައުމުތަކުގައި ކެއުމަށް މި ތަކެތި ގަނެ ހަދަ އެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި މިޔަރުގެ އުރަހައިގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

ދުނިޔޭގެ ބާޒާރުގައި މިޔަރު އުރަހަ ކިލޯއެއް އާއްމުކޮށް އުޅެނީ 400 ޑޮލަރު (6،168ރ.) ގަ އެވެ. މި ރޭޓުން ބަލާނަމަ އިއްޔެ އެއާޕޯޓުން އަތުލައިގަތް 429 ކިލޯގެ މިޔަރު އުރަހައަށް ދުނިޔޭގެ ބާޒާރުގައި ގާތްގަނޑަކަށް 2.6 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ބައެއް ގައުމުުތަކުގައި މިޔަރު ކިލޯއެއް 400 ޑޮލަރަށް ވިއްކުނު ނަމަވެސް ބައެއް ގައުމުތަކުން ކިލޯއެއް 600 ޑޮލަރަށް ވެސް ގަނެ އެވެ.