އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. ކެލާ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވެއްޖެނަމަ، މަގާމުގެ ހުވާކޮށްފައި ގެޔަށްދާނީ ކެލާގައި އޭސީ ކޮށްފައި ހުރި މިސްކިތްތަކުގެ އޭސީތައް އޮން ކޮށްފައި ކަމަށް ކެލާ ކައުންސިލް ރައީސް ކަމަށް ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓް ޢަބުދު ﷲ އިންފާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

އިންފާޒް ކުރި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އެއްވެސް ސަރުކާރަކުން މިސްކިތްތަކުން ކަރަންޓް ކަނޑާލާނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ.

Ad
rt

ނަމަވެސް ބިލު ދައްކާނެ ބަޖެޓް ނެތްކަމަށް ބުނެ، އޭސީކޮށްފައި ހުރި އެރަށުގެ މިސްކިތްތަކުގެ އޭސީ މިހާރު ނުޖައްސާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރެއް، ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާންމަސް. މިސްކިތްތަކުގެ އޭސީ ތައް ނުޖެއްސިފައި ހުރީ ބިލް ދައްކާނެ ފައިސާ ނެތިގެންކަމަށް ބުނެ ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން." އިންފާޒް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުގެ ވައުދެއް. ކައުންސިންގެ ރައީސްކަމަށް އަޅުގަނޑު އިންތިހާބުވެއްޖެ ނަމަ، މަޤާމުގެ ހުވާކޮށް، ގެޔަށް ދިއުމުގެ ކުރިން އޭސީ ހަރުކޮށްފައި ހުރިކެލާގެ ހުރިހާ މިސްކިތެއްގެ އޭސީ އޮންކޮށްދޭނަން" އިންފާޒް އިތުރަށަ ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް ޓިކެޓްގައި މިފަހަރު ކެލާ ކައުންސިލް ރައީސް ކަމަށް ވާދަކުރާ އިންފާޒަކީ މިހާރުވެސް ހއ. އަތޮޅު ކައުންސިލްގައި ކެލާ ދާއިރާ ތަމްސީލް ކުރަށްވާ މެންބަރެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.