ހއ. ކެލާގައި ގާއިމުކުރާ މަސްމާރުކޭޓުގެ ބިންގާ އަޅައިފިއެވެ.

އިއްޔެ ހަވީރު 17:00 ގައި އެރަށުގައި ބޭއްވި ކެލާ މަސްމާރުކޭޓް ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފްއާއި، ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާންއާއި، ކައުންސިލް މެންބަރު މިޒްނާ ބައިވެރިވެ ވަޑައިގަތެވެ.

Ad
rt

މި މަސައްކަތް، ޝަމާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މިހާރު ހަވާލުކޮށްފައިވާއިރު، މި މަސައްކަތުގެ އެއްބަސްވުމުގައި ކެލާ ކައުންސިލާއި އެކުންފުންޏާއި ދެމެދު ސޮއިކޮށްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

180 ދުވަސް ތެރޭގައި ނިންމަން ޖެހޭގޮތަށް ހަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ 2,815,320 ރުފިޔާ އެވެ.

ކެލާގައި މަސްމާރުކޭޓެއް އެޅުމަށް، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެ މަޝްރޫޢު އެރަށު ކައުންސިލާ ހަވާލުކުރީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 69 ވަނަ މާއްދާގައިވާ ގޮތުން ޤައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގުމަށް ކަނޑައަޅާ ޕީ.އެސް.އައި.ޕީ މަޝްރޫއުގެ ތެރެއިން، އެ މަޝްރޫއުއެއްގެ އަގު 5 މިލިއަން ރުފިޔާއަށްވުރެ ދަށުގެ މަޝްރޫއުތައް ހިންގަންވާނީ، އެ ރަށެއްގެ ނުވަތަ އަތޮޅެއްގެ ކައުންސިލް މެދުވެރިކޮށެވެ.

ކެލާގައި މަސްމާރުކޭޓެއް ގާއިމުކޮށް ދެއްވުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެރަށަށް ވެވަޑައިގެންފައިވާ، ރިޔާސީ ވައުދުފުޅެކެވެ.