ހއ. ހޯރަފުށީގައި ގާއިމުކުރާ އައިސްޕްލާންޓާއި އިންވެގެން އެރަށުގެ މަސްވެރިންނަށް ހާއްސަކޮށްގެން ކެފޭއެއް ހެދުމުގެ މަސައްކަތް ކުރަށްވާނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ އެޅުމަށް ރޭ އެރަށުގެ ބަނދަރުގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، އެ އައިސްޕްލާންޓަކީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ)އާއި، ޗަމްޕާ ބްރަދާސްގެ ހެޔޮއެދުން ތަކާއެކު ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި އޭނާ ދެއްކެވި ވާހަކާގައި ވަނީ އެ މަސައްކަތް ކާމިޔާބު ކުރުމަށް މެންބަރު ސައްލެ ކުރެއްވި މަސައްކަތް އޭނާ ފާހަގަ ކުރަށްވާފަ އެވެ.
ފައުޒީ ވިދާޅުވީ، ކޯވިޑްގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރަށް ދަތިކަން ކުރިމަތިވެފައި ވިޔަސް، މަސައްކަތަށް ބޭނުންވާ ސާމާނު ގެނެސް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހޯރަފުށީ އައިސްޕްލާންޓްގެ މަސައްކަތް ނިއްމަވަން މަސައްކަތް ކުރަށްވާނެ ކަމަށެވެ.
އުންމީދަކީ ހޯރަފުށީގައި އައިސްޕްލާންޓެއް ގާއިމުކޮށް ހިންގުމުގެ އިތުރުން ރަށުގެ މަސްވެރިންނާއި ގާތުން އިތުރު މަސައްކަތެއް ވެސް ކުރެވިގެން ދިޔުން ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ މިފްކޯގެ އަމާޒަކީ މަސްވެރިންނަށް ފަސޭހަކަން ހޯދައިދިނުން ކަމަށެވެ.
''އިތުރުކަމެއްގެ ވާހަކަ ވެސް އެބަ އެމްޕީ ވިދާޅުވޭ، އެކަންވެސް ކުރެވޭތޯ ބަލާނަން، މަސްވެރިންނަށް ކެފޭއެއްގެ ވާހަކަ، މިއާއި އިންވެގެން، ކުރެހުމުންވެސް ފެނިވަޑައިގަންނަވާނެ، އެހެންވީމަ އެކަން ކުރެވޭ ކޮންމެވެސް ގޮތެއް އެބަ ހޯދަން އިނގޭތޯ އަޅުގަނޑުމެންގެ ޓީމް'' ފައުޒީ ވިދާޅުވިއެވެ.
ފައުޒީ ވިދާޅުވީ، ހޯރަފުށީގައި އައިސްޕްލާންޓް ގާއިމުވުމުން ހޯރަފުއްޓާއި، އިހަވަންދޫން ދުވާލަކަށް ޖުމްލަ 75 ޓަނު އައިސް އުފެއްދޭނެ ކަމަށާއި، އެކަމުގެ ސަބަބުން ސަރަހައްދުގެ މަސްވެރިންނަށް ފަސޭހަކަންލިބި، މަސް ތާޒާކަންމަތީ ބެހެއްޓުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
ހޯރަފުށީގައި ގާއިމުކުރަން ރޭ ބިންގާ އެޅުނު އައިސްޕްލާންޓް ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން ވެސް ފައުޒީ ވަނީ އެރަށުގެ މަސްވެރިންނަށާއި، ރައްޔިތުންނަށް ރޭގައި ދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!