އަތޮޅުތަކުގެ ރަށްތަކަށް އެމްބިއުލާންސް ފޮނުވުމަށް ސަރުކާރުން ކުރިއަށް ގެންދަވާ ޕްރޮގްރާމްގެ ދަށުން، ދެން އެމްބިއުލާންސް ދޭ ރަށްތަކުގެ އެންމެ ކުރީގައި އޮންނާނީ މަކުނުދޫ ދާއިރާގެ ރަށްތައް ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ

މިނިސްޓަރު ނަސީމް މިހެންވިދާޅުވީ، ދެ ފަހަރުމަތީން މި ސަރުކާރުން ރަށްރަށަށް އެމްބިއުލާންސް ފޮނުވިއިރު، ޢަބުދުﷲ އަމީން ހެލްތު މިނިސްޓަރަކަށް ހުންނެވިއިރު، އެމްބިއުލާންސް ދެއްވާނެކަމަށް ވިދާޅުވެ، މަކުނޫދޫ ދާއިރާގެ ރަށްތަކަށް އެމްބިއުލާންސް ނުލިބިވާތީ، އެމްބިއުލާންސް ރަށްރަށަށް ދިނުމުގައި އިސްކަންދޭ އުސޫލަކީ ކޮބައިތޯ އޮޅުން ފިލުވުމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

އެ ސުވާލު ހުށަހަޅުއްވަމުން ރާޢީ ވަނީ، ވަޒީރާ ކުރަން އޭނާ ފޮނުއްވި ސުވާލަކީ، މަޖިލިސް ރިސެސްގެ ކުރިން ފޮނުވާފައި އޮތް ސުވާލެއްކަން ފާހަގަ ކުރަށްވާފައެވެ. އޭގެފަހުން ހެލްތު މިނިސްޓަރު ނަސީމްއާއި ބައްދަލުވެ، އެ ސުވާލުގައި ހިމެނޭ ގިނަކަންކަން ފުރިހަމަ ވެފައިވާކަމަށް ރާޢީ ފާހަގަ ކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، ރައީސް ޞާލިޙް ވިދާޅުވެގެން މަކުނުދޫ ދާއިރާގެ ކަންތައްތައް ކުރިއަށް ގޮސްފައި އޮތް ގޮތް ބެއްލެވިކަމަށެވެ.

''އިއްޒަތްތެރި މެންބަރު ވެސް ވިދާޅުވިވިދާޅުވުމާ ގުޅިގެން، ބަލައިލިއިރު މި ވާ ގޮތަކީ، އެކި ފަހަރު މަތީން މި ކަންތައް ކުރާ ގޮތަކަށް ހަމަޖެހިގެންދިޔައީ، އެހެންނަމަވެސް، ވަރަށް ގިނަފަހަރަށް އަޅުގަނޑުމެންނަށް ކުދިކުދި ރަށްރަށަށް ދޭންޖެހޭ، ބަލަންޖެހޭވަރަށް ނުބެލިފައި ހުންނަނީ އިނގޭތޯ. އަޅުގަނޑުމެން ޚާއްޞަ ގޮތެއްގައި އަޅުގަނޑު މިހާރު މި ބަލަނީ މި ކުދިކުދި ރަށްރަށް އެއީ އެކަހެރިވެފައި ހުންނަ ތަންތަނެއް ނޫން ކަމަށް ބަލައި، އެ ތަންތަނަށް ދޭންޖެހޭ ޚިދުމަތްތައް ހަމަ އެހެން ރަށްރަށެކޭ ވެސް އެއްގޮތަށް ދިނުން، އެއީ ހަމަ ދިވެހި ރައްޔިތުން ދިރިއުޅޭ ތަންތަން، އެހެންވީމާ، އަޅުގަނޑު ޚާއްޞަ ސަމާލުކަމެއް ދީގެން އެއްފަރާތްވެފައި ހުންނަ ރަށްރަށާއި، އަދި ކުދިކުދި އާބާދީހުންނަ ރަށްރަށް އަޅުގަނޑު ބަލަމުން މި ގެންދަނީ. އެ ތަންތަނަށް ޚިދުމަތް ލިބޭނެ.''

މިނިސްޓަރު ވިދާޅުވިއެވެ.

''ދެން މިފަހަރު މިއަންނަ އެމްބިއުލާންސްގެ ޕްރޮގްރާމުގައި އެންމެ މަތީގައި، އެންމެ ކުރީގައި އޮންނާނީ މަކުނުދޫ ދާއިރާ، އެހެން މި ދެންނެވީ، މަކުނުދޫ ދާއިރާގެ ވަރަށް ގިނަ ރަށްރަށުގައި އެމްބިއުލާންސެއް ނެތް މިހާރު، މަކުނުދޫއަށް ޚާއްޞަކުރެވިގެން އަޅުގަނޑުމެން ބަލާބެލުމުގައި އެއީ ވަރަށް ދުރުގައި ވަކިވެފައި އޮންނަ ރަށެއް ކަމަށް ވާތީ، އެ ތަނަށް ޚާއްޞަ ޞިއްޙީ ޕްރޮގްރާމުތަކެއް އަޅުގަނޑުމެން މިހާރު ވާނީ ހަމަޖައްސާފަ. އެ ކަންތައްތައް އަޅުގަނޑުމެން މަނުކުދޫގެ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ފުރަތަމަ ކުރެވޭ ދަތުރެއްގައި މަކުނުދޫ ރައްޔިތުންނާ ވެސް ހިއްސާކުރާނަން. އަދި އިއްޒަތްތެރި މެންބަރު ވެސް އަޅުގަނޑު ހިއްސާކުރާނަން އިނގޭތޯ. އެމްބިއުލާންސް ލިބޭނެ.'' މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ، ދެން އިތުރު ބުރެއްގައި ރަށްރަށަށް ފޮނުވަން ބޭނުންވާ އެމްބިއުލާންސްތައް ލިބޭންފަށާނެ ކަމަށް ލަފާކުރެވެނީ އަންނަ އެޕްރީލް މަހުގެ ތެރޭގައި ކަމަށެވެ.