ހއ. އިހަވަންދޫ ކައުންސިލުން ދެމުންދާ ކުނި އުކައިދިނުމުގެ ޚިދުމަތުގެ ދަށުން، ކުރިއަށް އޮތް ރަމަޟާންމަހު އެރަށުގެ ގޭ ބިސީތަކަށް ހިލޭ ކުނިއުކައި ދިނުމަށް އެ ކައުންސިލުން ނިންމައިފިއެވެ.

މިގޮތުން އިހަވަންދޫ ކައުންސިލުން ބުނީ، އެ ކައުންސިލުންދޭ ކުނި އުކާލުމުގެ ޚިދުމަތުގެ އަގެއް ގޮތުގައި ނަގަމުން އަންނަ ފީ އަންނަ ރަމަޟާންމަހު އެރަށުގެ ގޭ ބިސީތަކުން ނުނަގާނެ ކަމަށެވެ. އަދި މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ނަން ނޯޓުކުރާ ގޭ ބިސީތަކަށް ވެސް އެ ފުރުސަތު ދޭނެކަމަށް އެ ކައުންސިލުން ބުނެއެވެ.

Ad
rt

އިހަވަންދޫ ކައުންސިލުން ބުނީ މިހާރު ވެސް އެ ޚިދުމަތް ހޯދަން ނަން ނޯޓު ކުރުމުގެ ފުރުޞަތު އެރަށުގެ ގޭބިސީތަކަށް ވަނީ ހުޅުވާލެވިފައިވާ ކަމަށެވެ.

އަހަވަންދޫ ކައުންސިލުން އެރަށުގައި ކުނިއުކުމުގެ ޚިދުމަތްފެށީ ހުސްވި ފެބްރުއަރީމަހުގެ2 ވަނަ ދުވަހުން ފެށިގެންނެވެ. މި ޚިދުމަތް ދިނުމަށް އެ ކައުންސިލުން 5 މުވައްޒަފެއް ނަގާފައިވާއިރު، އެއީ މުޅިންވެސް އެރަށަށް ނިސްބަތްވާ ރައްޔިތުންނެވެ.

އިހަވަންދޫ ކައުންސިލުން އެރަށުގައި ކުނި އުކުމުގެ ޚިދުމަތް ފެށިއިރު، އެ ޚިދުމަތް ހޯދުމަށް އެރަށުގެ 115 ގޭބިސީއަކުން ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި އެ ޚިދުމަތުގެ އަގެއްގެ ގޮތުގައި އެ ކައުންސިލުން ގޭބިސީއަކުން ނަގަމުން ދަނީ މަހަކަށް 150 ރުފިޔާއެވެ.