ހއ. ދިއްދޫ/ރެނދަލި، އަޙްމަދު ރަޝީދު، ހއ. ދިއްދޫގައި ޤުރުއާން ޢިލްމް އުނގަންނަވައި ދެއްވުމުގައި ހޭދަކުރެއްވި 18 އަހަރުގެ ޚިދުމަތުގެ އަގު ވަޒަންކޮށްފިއެވެ.
އަޙްމަދު ރަޝީދު، ހއ. ދިއްދޫގެ ދަރީންނަށް ޤުރުއާން ޢިލްމް އުނގަންނަވައި ހޭދަކުރެއްވި 18 އަހަރަށްވުރެ ދިގު މުއްދަތުގެ ޚިދުމަތުގެ އަގުވަޒަންކޮށް ވަނީ ހއ. ދިއްދޫގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުންނެވެ.
އޭނާގެ އެ ޚިދުމަތުގެ އަގުވަޒަން ކޮށްފައި ވަނީ، އިއްޔެ އެ ކްލަބުން ބޭއްވި އެ ކްލަބްގެ ފުރަތަމަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތުގައި އަޙްމަދު ރަޝީދުގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ވަނީ ހަނދާނީ ފިލައެއް ދީފައެވެ. މި ފިލާ އޭނާއާއި ހަވާލުކޮށް ދެއްވީ މިޑްލް ސްޕޯޓްސް ކްލަބްގެ ރައީސް ނަޝްވާން އިބްރާޙީމެވެ.
އަޙްމަދު ރަޝީދަކީ ހއ. ދިއްދޫގައި ހުންނަ، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މެދުނުކެނޑި 18 ވަންދެން ކީރިރި ޤުރުއާން އުނގަންނަވައި ދެއްވުމުގެ މަތިވެރި މަސައްކަތްކުރަށްވާފައިވާ ޚިދުމަތްތެރި ބޭފުޅެކެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ދިއްދޫގެ ގިނަ އަދަދެއްގެ ދަރީންނަށް ޤުރުއާން ޢިލްމް އުނގަންނަވައި ދެއްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!