ހދ. ދިއްދޫގައި ހުންނަ ''ހއ. އަމާންވެށި''އަށް ގެންދިޔަ ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، އެ ކުއްޖާ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުއްޓާ ކަމަށެވެ. އަދި އެކުއްޖާ ވަނީ ހއ. އަމާންވެށި/ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި އައިސޮލޭޓް ކުރެވިފައި ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

Ad
rt

ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.

ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ''ތިލަދުން''އަށް ވިދާޅުވީ، އެ ކުއްޖާ ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އަލާމާތްތައް ފެނުމުން ޓެސްޓް ކުރުމުން ކަމަށެވެ. އެ ކުއްޖާހުރީ ކަރަންޓީނުގައި ކަމުން، ބައްދަލުވެފައި ވަނީ އެކުގައި ތިބި ކުދިންނާއެވެ. އެ ކުދީން ކޯވިޑަށް ޓެސްޓް ކުރުމުގެ ކަންކަން އުސޫލާއެއްގޮތަށް ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހއ. އަތޮޅުގައި ގާއިމުކުރި ''ހއ. އަމާންވެށި'' ރަސްމީކޮށް ހުޅުވީ މަމަހުގެ 6 ވަނަ ދުވަހުއެވެ.

ހއ. އަތޮޅުގައި ހުޅުވި އަމާންވެއްޓަށް ވަނީ ތިން ޢާއިލާއަކަށް ނިސްބަތްވާ 15 ކުއްޖަކު ބަދަލުކޮށްފައެވެ. އެކުދިން ދިއްދޫއަށް ގެންދިޔައީ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެދުވަހު އެރަށަށް ވަޑައިގަތްއިރު އެކަމަނާގެ އަރިހުގައެވެ.