ޖޭޕީގެ ސްލޮޓެއްގައި މިނިސްޓަރެއްގެ މަގާމުގައި ހުންނެވިއިރު، އިޚްލާޞްތެރިކަމާއެކު ޖޭޕީގެ އަޑުއިއްވައި ދީފައިވާނެ ކަމަށާއި، ނަމަވެސް ޖޭޕީގެ ތެރޭން ފެނުނީ އިންސާފެއް ނެތްތަން ކަމަށް ވިދާޅުވެ، ކުރީގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއި ފެޔަށް ޖެހިވަޑައިގަތްކަން ޢިއުލާން ކުރަށްވައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މަލީޙް، އޭނާގެ އުފަން ސިޓީ ފުވައްމުލަކުގެ ޕީޕީއެމް ކެނޑިޑޭޓުންނަށް ތާއީދުކުރަށްވާކަން ހާމަކުރެއްވުމަށް އެ ކެނޑިޑޭޓުންގެ ކެމްޕެއިން ޖަލްސާއެއްގައި ބައިވެރިވުމުން ޖޭޕީގެ ބައެއް އާންމު މެންބަރުން ޖޭޕީގެ ވަޓްސްއަޕް ގްރޫޕެއްގައި މަލީޙްއާއި ވަނީ ދިމާކޮށްފައެވެ. ނަމަވެސް މަލީޙް ގެންދެވީ ''އަދިވެސް ދާންވީ އެމްޑީޕީގެ ކެނޑިޑޭޓުން ހޮވަންތޯ'' ސުވާލު އުފައްދާ ރައްދު ދެއްވަމުން ކަމަށްވެއެވެ.
އެ ގްރޫޕަށް މަލީޙް އެންމެފަހުން ދޫކުރެއްވި މެސެޖަކީ، އިއްޔެ ފިޝަރީޒް މިނިސްޓަރު ޒަހާގެ އިތުބާރުގެ މައްސަލައެއް މަޖިލިސްއަށް ވެއްދުމުން، ޒަހާ ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސް، ކުރީގެ ރައީސް މައުމޫން ޒަހާގެ ދިފާއުގައި ކުރެއްވި ޓްވީޓެވެ. އެއަށްފަހު މަލީޙް އެ ގްރޫޕް ދޫކުރެއްވީ ކަމަށް ވެއެވެ.
މަލީޙް ވަނީ މައުމޫންގެ ޓްވީޓް ހިމަނުއްވާ، އަދި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާޙީމްގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގެ ޓްވީޓެއްވެސް ހިމަނުއްވާ ރޭ ޓްވީޓެއް ކުރަށްވާފައެވެ. އެ ޓްވީޓްގައި ވިދާޅުވީ، ސަރުކާރުތެރޭ ޖޭޕީގެ އަޑު އެންމެ އިޚުލާސްތެރިކަމާއި އެކު އުފުލި މީހާއާއި ދޭތެރޭ ބޭއިންސާފު ހުސްކޮށް އެމްޑީޕީއިން ކަންކުރަމުން ދިޔަ އިރު ޖޭޕީ އޮތީ ހަނު ކަމަށެވެ.
''ބޮޑެތި ތުހުމަތުތަކާއި އެކު ވަކި ކުރެވުނެ ފަރާތްތަކާއި މެދު ފިޔަވަޅު ނާޅާ. ކޯލިޝަންގައި ދަލު ބޭރުން. މިވަގުތު ޖޭޕީއާއި ފެޔަށް ޖެހިލާނަން.''- މަލީޙް ވިދާޅުވިއެވެ.
ސަރުކާރުތެރޭ ޖޭޕީގެ އަޑު އެންމެ އިޚުލާސްތެރިކަމާއި އެކު އުފުލި މީހާއާއި ދޭތެރޭ ބޭއިންސާފު ހުސްކޮށް އެމްޑީޕީއިން ކަންކުރަމުން ދިޔަ އިރު ހަނު. ބޮޑެތި ތުހުމަތުތަކާއި އެކު ވަކި ކުރެވުނެ ފަރާތްތަކާއި މެދު ފިޔަވަޅު ނާޅާ. ކޯލިޝަންގައި ދަލު ބޭރުން. މިވަގުތު ޖޭޕީއާއި ފެޔަށް ޖެހިލާނަން. https://t.co/ditaemDhMF pic.twitter.com/T65ovBsW6o
— Mohamed Maleeh Jamal (@maleehjamal) March 10, 2021
މަލީޙް އެ އިޝާރާތް ކުރެއްވީ ޖޭޕީގެ މިނިސްޓަރެއްގެ ގޮތުގައި ހުންނަވަނިކޮށް ޖިންސީ ފުރައްސާރައިގެ 7 މައްސަލައެއްގެ ތުހުމަތު ކުރެވޭ، އަދި އެ ޕާޓީގެ ލީޑަރގެ އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއިމެދު ބޭއަދަބީ ވާހަކަތަކެއް ދައްކަވާފައިވާ އޯޑިއެއް ލީކްވެފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަމަލުތަކާމެދު ޖޭޕީ ހަނުއޮތް ހަނުއޮތުމަށް ކަމަށް ބެލެވެއެވެ.
އަދި އެކަންއެހެން އޮތްއިރު، އިއްޔެ އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާޙީމް، ޕީޕީއެމް ރެލީއެއްގައި މަލީޙް ބައިވެރިވުން ކުއްވެރިކުރަށްވައި، އޭނާގެ މައްޗަށް ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައި ވުމުން ކަމަށް ވެސް ބެލެވެއެވެ.
ޒަހާގެ އިތުބާރުގެ މައްސަލަ އިއްޔެ މަޖިލިސްއަށް ވެއްދުމުން، ޒަހާ ނިސްބަތްވާ ޕާޓީ އެމްއާރުއެމްގެ ރައީސް، ކުރީގެ ރައީސް މައުމޫނާއި، އެ ޕާޓީގެ ނައިބު ރައީސް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ޒަހާގެ ދިފާއުގައި ނުކުމެ ވާހަކަ ދައްކަވާފައިވާއިރު، މަލީހްގެ އިތުބާރުގެ މައްސަލައިގެ ދިގު ޕްރޮސެސްއެއް ހިނގިއިރު، އިތުބާރުގެ މައްސަލަ އެޖެންޑާކޮށް، ވޯޓު ނެގި ދުވަހާއި ހަމައަށް ޖޭޕީން މަލީޙްގެ ދިފާއުގައި އެއްޗެއްބުނެ، މަސައްކަތެއް ކުރިތަން ނުފެންނާތީ މީގެކުރީން ބައެއް މީހުން ވަނީ އެ ޕާޓީއަށް ފާޑުވެސް ކިޔާފައެވެ.
ނަމަވެސް މަލީޙްގެ އިތުބާރުގެ ވޯޓު ނަގަން އޮތް ދުވަހު ހެނދުނު ޖޭޕީގެ ލީޑަރ ޤާސިމް އިބްރާޙީމް ވަނީ މަލީޙް ވަކިކުރަން އުޅެނީ، މަސައްކަތް ނުކޮށްގެން ނޫންކަމަށް ވިދާޅުވެ މަލީހްގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. ގާސިމް އެދުވަހު ވިދާޅުވީ، މަލީހުއަކީ ކަންކަން ކުރެއްވޭނެ، ގާބިލު ބޭފުއްކަމަށެވެ. އަދި މަސައްކަތް ކުރެވޭނީ ވަސީލަތާއި ފައިސާވެސް ހުރެގެން ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ. މީގެއިތުރުން މަލީޙްގެ ދިފާއުގައި އެ ޕާޓީގެ ނައިބްރައީސް އަޙްމަދު ސައުދުވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަލީޙް ވަކިކުރުމާމެދު ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ޞާލިޙް ވިދާޅުވީ، ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް މަތިކޮށްފައިވާ ޒިންމާ އަދާކުރައްވަން ''ފެއިލް'' ވެއްޖެނަމަ އެމަނިކުފާނު އިސްވެ އެ ވަޒީރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި މިނިސްޓަރު ކަމުން މަލީޙް ވަކިކުރަން މަޖިލީހުން ނިންމި ނިންމުމަށް އިޝާރާތްކުރައްވާ ރައީސް ވަނީ، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީސް މެމްބަރަކަށް ފާހަގަކުރެއްވިއްޖެނަމަ އެމަނިކުފާނާ ހިއްސާކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.
ފުރަތަމަ އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ވެސް އެފަދަ މައްސަލަތައް ކުރިމަތިވި ކަމަށާއި، އޭރު އެކަންތައް ހައްލުކުރީ އެތެރޭގެ ކަމެއްގެ ގޮތުގައި، އޭރު ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ މަޝްވަރާގެ މަތިން ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!