ރާއްޖޭގައި ވެރިކަން ކުރަމުންއަންނަ ކޯލިޝަން 5 އަހަރުވަންދެން ދެމިއޮންނާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވާ ވިދާޅުވުން މިއަދު ތަކުރާރު ކުރައްވައިފިއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސް ވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

ކޯލިޝަން ރޫޅާލަން ހަމަޖެހިފައިވޭތޯ ނޫސްވެރިޔަކުކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ މިއީ ކޯލިޝަން ސަރުކާރެއް ކަމަށެވެ. މި ސަރުކަރު ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ''އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ކޯލިޝަން ދެމި އޮންނާނެ ކަމަށާއި، ކޯލިޝަން އުވާލުވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް'' ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހެކޭ އެއްގޮތަށް މިއަދު ވެސް ރައީސް ވިދާޅުވީ، ކޯލިޝަން ލީޑަރުންނާ ބައްދަލު ނުކުރެވި ދަނީ ކޯވިޑްގެ ހާލަތުގެ ސަބަބުން ކަމަށެވެ. އަދި ކޯލިޝަނާމެދު ސުވާލެ އުފެދެނީ އެބައްދަލުވުން ކުރިއަށް ނުދާތީކަމަށް ހީފުޅުވާ ކަމަށާއި، ކޯލިޝަން ލީޑަރުންނާ ބައްދަލު ނުކުރެއްވުނު ނަމަވެސް ކޮންމެ ހަފްތާއަކުހެން ލީޑަރުންގެ މަޝްވަރާ ހޯއްދަވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވެރިކަން ހިންގަވަނީ ކޯލިޝަނަށް ނިސްބަތްވާ ވަޒީރުންގެ ލަފަޔާއެކު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު، ރައީސް ޞާލިޙް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި ވެސް ވަނީ މިއީ ކޯލިޝަނަކުން އައި ވެރިކަމެއްކަމަށް އެންމެ ހިނދުކޮޅަކަށް ވެސް ހަނދުމަނެތި ނުދާނެކަމަށް ވިދާޅުވެފައެވެ.