މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރު މައްސަލައެއް ރައްޔިތުންގެ މަޖިލިސްއަށް ވައްދައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ، މަޖިލިސް ތަމްސީލް ކުރަށްވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންނެވެ. އެ މައްސަލާގައި އެގާރަ މެންބަރުން ސޮއިކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އިދިކޮޅު ކޯލިޝަންގެ ޕިޖީގައި ހިމެނެނީ ޕީޕީއެމްގެ 6 މެންބަރަކާއި، ޕީއެންސީގެ 3 މެންބަރެކެވެ. އިތުރަށް އެ މައްސަލާގައި ސޮއި ކުރެއްވީ މިނިވަން ދެ މެންބަރެކެވެ.
އިތުބާރު ނެތް މައްސަލާގައި ސޮއިކުރެއްވި މެންބަރުން
- އަހުމަދު ސަލީމް - އޭދަފުށީ ދާއިރާ
- އާދަމް ޝަރީފް - މަޑުއްވަރީ ދާއިރާ
- އަހުމަދު ޝިޔާމް - ނައިފަރު ދާއިރާ
- މުހައްމަދު ޣައްސާން މައުމޫން - ގުރައިދޫ ދާއިރާ
- މުހައްމަދު ސަައީދު - މާވަށު ދާއިރާ
- އިބްރާހިމް ރިޒާ - ގުރައިދޫ ދާއިރާ
- ހުސައިން މުހައްމަދު ލަތީފް - ފަރެސްމާތޮޑާ ދާއިރާ
- އަހުމަދު ތޯރިގް - މަހިބަދޫ ދާއިރާ
- އިބްރާހިމް ފަޒުލް ރަޝީދު - ފެލިދޫ ދާއިރާ
- މުހައްމަދު ނަޝީދު އަބްދުﷲ - ނޮޅިވަރަމް ދާއިރާ
- އަބްދުﷲ ޖާބިރު - ކާށިދޫ ދާއިރާ
އިދިކޮޅުން ހުށަހެޅި، ފިޝަރީޒް މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބުނެފައިވަނީ ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި ޢާއިލާތަކަށް މިސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވޭ ކަމަށެވެ.
މަސްވެރިންނަށް ދޭންޖެހޭ ޚިދްމަތްތައް ނުދެވޭ ކަމަށާއި، މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިނުދެވޭ ކަމަށާއި، މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ހޯދައިދެވިފައި ނުވާކަމަށާއި، ދިވެހި އިޤްޠިޞާދުގެ ރޫފަހެޔޮ ނުކުރެވޭ ކަމަށާއި އަދި މަސްވެރިކަމުގެ ސިނާޢަތުން ނެރެވޭ ފައިދާ ބޮޑު ނުކުރެވި، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބެންޖެހޭ ބޮޑު އަގު ދިވެހި މަސްވެރީންނަށް ހޯދައިނުދެވޭ ކަމަށް އެ މައްސަލާގައި އިތުރަށް ބުނެފަ ވެއެވެ.
''ރާއްޖޭގެކަނޑުތައް ދިވެހި މަސްވެރިންނަށް ޔަޤީންކޮށްދީ، އަދި ބޭރުގެ މާކެޓަށް ދިވެހި މަސްވެރިން ވަނުމުގެ ފުރުޞަތު ތަނަވަސްކޮށް، ކަންނެލި ޖަގަހަތަކާއި ގޭދޮށު މަސް ފެކްޓްރީތައް ޤާއިމްކުރުމަކީ މިސަރުކާރުން މަސްވެރިންނަށް ވެފައިވާ ބޮޑެތި ވަޢުދުތައް ކަމަށް ވީހިނދު، މި ވަޢުދުތައް ފުއްދުމުން ނުދާތީއާއި، "ރަސްއައިންތަކުން ވަތް ފުރާ ބާނާ މަސްކޮޅު ކިރަން، އައިން ދޫކޮށްލާފައި، ޖާގަ ކުޑަ މަސްފެކްޓަރީ ބޭރުގައި ކިޔު ހަދައިގެން ތިބެންޖެހުން" ނިމުމަކަށް ނާންނާތީއާއި ރާއްޖޭގެ ރަށްތަކާއި ދުރަށް ދުއްވައިގެން ޢާއްމުކޮށް މަސްވެރިކަން ކުރެވޭ ސަރަޙައްދުތަކުގައި އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމް ޤާއިމް ނުކުރުމާއި ތެލާއި އައިސް ފަދަ ތަކެތި ހޯދުމަށްޓަކައި މާދުރަށް ދުއްވަން ޖެހޭތީވެ، މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާތީއާއި، މަސްވެރިކަމާގުޅޭ ސަރުކާރުގެ ވަޢުދުތައް ނުފުއްދައި، މަސްވެރިކަން ކުރިއެރުވުމުގެ ޒިންމާ މިނިސްޓަރ އޮފް
ފިޝަރީޒް މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު އަދާ ނުކުރެވޭތީއާއި އެކަމަނާ އެ މަޤާމުގައި ހުންނެވުމަކީ ދިވެހި މަސްވެރިންނާއި މަސްވެރި ޢާއިލާތައް އިތުރަށް ނިކަމެތި ވެގެންދާނެ ކަމަކަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ ދަށުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރު މައްސަލަ ހުށަހަޅަމެވެ.'' އެ މައްސަލާގައި ބުނެފަ ވެއެވެ.
މިކަމާގުޅޭގޮތުން ވެރިކަންކުރާ ކޯލިޝަންގެ ޕީޖީ ގްރޫޕްތަކުން އަދި ބަހެއް ނުބުނެއެވެ. މިނިސްޓަރު ޒަހާ ނިސްބަތްވާ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!