ހއ. ބާރަށުން އިތުރު 6 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެރަށުން އިތުރު ބަޔަކު ޕޮޒިޓިވްވުމާއެކު، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 31 އަށް އަރާފައެވެ.
ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބާރަށުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އިތުރު 6 މީހެއްގެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަން ''ތިލަދުން''އަށް ކަށަވަރުކޮށް ދެއްވާފައެވެ.
''އިތުރު 6 މީހެއް ޕޮޒިޓިވްވިކަން ވަނީ އަންގާފައި، އަދި ވެސް ނަތީޖާ ނުލިބޭ ސާމްޕަލް އެބަހުރި''
ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ވިދާޅުވިއެވެ.
ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އެރަށުތެރެއިން އިތުރު މީހުން ބައްދަލުވެފައި ވުމުން، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވުނު 6 މީހެއްގެ ސާމްޕަލް ޖެހިގެންއައި ދުވަހު ނެގިއެވެ. އޭގެ ތެރެއިން 4 މީހެއްގެ ސާމްޕަލް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
އެރަށުން އިތުރުބައެއް ޕޮޒިޓިވްވުމުން މިމަހުގެ 3 ވަނަ ދުވަހު ވަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި 158 މީހެއްގެ ސާމްޕަލް ނަގާފައެވެ. އެ ސާމްޕަލްތަކުގެ ނަތީޖާއިން މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރު 9 މީހެއްގެ ޕޮޒިޓިވް ވެފައެވެ.
ބާރަށުގެ ހާލަތު ވަޒަން ކުރުމަށް މިމަހުގެ 4 ވަނަ ދުވަހު، ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބާރަށުގައި އިތުރު މީހުންގެ ސާމްޕަލް ނަގާފައެވެ. މިގޮތުން މާރިޗް 4 ވަނަ ދުވަހުގެ ރެޔާ ހަމައަށް ޖުމްލަ 216 މީހެއްގެ ސާމްޕަލް ނެގިއެވެ. އެ ސާމްޕަލްތަކުން އިތުރު 3 މީހެއް ޕޮޒިޓިވްވިކަން މިމަހުގެ 6 ވަނަ ދުވަހުގެ ރެޔާ ހަމައަށް ވަނީ އެނގިފައެވެ.
ހއ. ބާރަށުން ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން މާރިޗް 2 ވަނަ ދުވަހުން ފެށިގެން އެރަށަށް އަދިވެސް އޮތީ ފުރަބަންދުގެ ހާލަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!