މާލޭ ސިޓީގެ މާލޭގައި އިދިކޮޅު ކޯލިޝަނުން މިއަދު ކުރަމުންދާ މުޒާހަރާގެ ތެރެއިން މިހާތަަނަށް 31 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަނީ އިދިކޮޅު މުޒާހަރާގެ ތެރެއިން31 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.

Ad
rt

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މައިޕާޓީގެ ކައުންސިލް މެންބަރަކު މުޒާހަރާތެރޭ ހުރެ ވިދާޅުވީ، އެ ކޯލިޝަނުން ހަވީރު ފެށި މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކުރަމުންދާ ކަމަށެވެ.

''އެކިވަރުގެ އަނިޔާތައް ވެސް ލިބުނު، އެކަމަކު މާލޭގެ އެކި ތަންތާ މުޒާހަރާ ކުރިއަށް ގެންދާނަން، މިދަނީ އެމްއެމްއޭއާއި ދިމާލަށް'' އެ މެންބަރު ވިދާޅުވިއެވެ.

އޭނާ ދެއްވި މައުލޫމާތަށް ބަލާއިރު ހައްޔަރުކުރި 31 މީހުންގެ ތެރޭގައި ކުރީގެ މެންބަރު އަބުދުﷲ ރިފާއު (ބޮޗޭ) އާއި، ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފު ސައުކަތާއި، އެ ކޯލިޝަންގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝް އާއި، ސޫދާ އަބުދުﷲއާއި އަދި އެކްޓިވިސްޓް އަލީ ސާހިދު (ސްޓެޕް އައްޔަ) ވެސް ހިމެނެއެވެ.

ރާއްޖެގައި ކޯވިޑްގެ ހާލަތު ގޯސްވެ، އާންމު ސިއްހަތުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ 12 ވަނަ ފަހަރަށް އިތުރުކޮށްފައިވާއިރު، އެޗްޕީއޭގެ އެންގުންތަކާއި، ޤާނޫނާއި ޚިލާފަށް އެއްވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އިދިކޮޅުން މިއަދުވެސް މާލޭގައި އިހުތިޖާޖު ކުރަމުންދާއިރު، އިހުތިޖާޖު ކުރަނީ ފަސް މީހުންގެ ގްރޫޕްތަކަކަށް ބަހާލައިގެން ކަމަށް މައުލޫމާތު ލިބެއެވެ.