5 އަހަރުވަންދެން މި ސަރުކާރު އޮންނާނެކަން އެނގިވަޑައި ނުގަންނަވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ ނައިބުރައީސްކަން ވެސް ކުރަށްވާ ޝިޔާމް މިހެން ވިދާޅުވީ، އިދިކޮޅުން މިއަދު މާލޭ ސިޓީގައި ކުރާ އިހުތިޖާޖުގެ ތެރެއިން ''ޗެނަލް13'' އަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ޝިޔާމް ވިދާޅުވީ، އެ ކޯލިޝަނުން ކުރަމުންދާ މަސައްކަތަކީ ހުޅުމާލޭގައި ތަރައްގީ ކުރި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ލިބުނު މީހުންތެރެއިން އެތައް ބަޔެއްގެ އަތުން ފްލެޓް އަތުލާފައިވާތީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކަމަށެވެ.

މިއަދު އިހުތިޖާޖު ކުރަން ނުކުތީވެސް އެކަމަށްޓަކައި ކަމަށާއި، މަޖިލިސްތެރެއިން ވެސް އެ މަސައްކަތް ކުރަށްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ގެޓަގަރީން ވެސް ބައެއް ފްލެޓްތައް އަތުލާފައިވާ ކަމަށާއި، ''ގެއްލުނު ފްލެޓްތަކަށް ވީގޮތް ފްލެޓް ކޮމެޓީންނާއި ސަރުކާރުން އޮޅުން ފިލުވައިދޭން ޖެހޭނެ'' ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ފުލުހުންނަށް އިޝާރާތް ކުރަށްވާ ޝިޔާމް ވިދާޅުވީ ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ވެސް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށާއި، އެކަމުގެ ތެރެއަށް ކޮރަޕްޝަން ވައްދައި، ފުލުހުންނާއި ސިފައިންގެ ބޯހިޔާވަހި ކަމުގެ މަޝްރޫޢުވެސް މަޑުޖައްސާފައިވާ ކަމަށް މިއުލޫމާތު ލިބިފައިވާ ކަމަށެވެ.

''މި ސަރުކާރު ފަސް އަހަރު ވަންދެން އޮންނާނެ ކަމެއް އަޅުގަނޑަކަށް ނޭނގެ، އެކަމު އަޅުގަނޑުމެންގެ ސަރުކާރެއްގައި ފުލުހުންނާއި ސިފައިންގެ ފްލެޓްތައް ނިންމައި، ބޯހިޔާވަހިކަން ފޯރުކޮށްދޭނަން، އަޅުގަނޑުމެން އެ ބޭފުޅުންނަށް ދެރަގޮތެއް ނުހަދާނެ ކަމުގެ ޔަޤީންކަންދެން، އަޅުގަނޑުމެންނަށް ފުރުޞަތު ދެއްވާ'' ޝިޔާމް ވިދާޅުވިއެވެ.

އެއްފަހަރާ އެއްވެ އުޅުވޭނެ ޢަދަދަކީ ފަސްމީހުންކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ރޭ އެންގުމުން އެކަމަށް ފާޑުވިދާޅުވެ ޝިޔާމް ވިދާޅުވީ، އެކަމުން ދޭހަވަނީ އެޗްޕީއޭއަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ކަމަށެވެ. ކުރިން އެ އަދަދު 10 މީހުންނަށް ހެދީވެސް ސިޔާސީ ބޭނުމެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ''މިސަރުކާރުން ވެރިކަން ކުރަމުން ދަނީ ސިއްކަގޭ މެޒުމަތިންް'' ކަމަށާއި، ސިޔާސީ ޕާޓީތަކަށް މި ޤައުމުގައި ހަމަހަމަ ފުރުޞަތެއް ނުދޭކަމަށެވެ.

ރާއްޖެގައި ކޯވިޑްގެ ހާލަތު ގޯސްވެ، އާންމު ސިއްހަތުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ 12 ވަނަ ފަހަރަށް އިތުރުކޮށްފައިވާއިރު، އެޗްޕީއޭގެ އެންގުންތަކާއި، ޤާނޫނާއި ޚިލާފަށް އެއްވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އިދިކޮޅުން މިއަދުވެސް މާލޭގައި އިހުތިޖާޖު ކުރަމުންދާއިރު، އިހުތިޖާޖު ކުރަނީ ފަސް މީހުންގެ ގްރޫޕްތަކަކަށް ބަހާލައިގެން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އިދިކޮޅު ހަރަކާތުގެ ތެރެއިން މިހާތަނަށް 17 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.