ނިއުޒީލެންޑް ކައިރީގައި އޮންނަ ކަރްމަޑެކް ރަށްތަކުގެ ކައިރިން ކަނޑުގެ ސަރަހައްދަށްއައި ބާރުގަދަ ބިންހެލުމަކާއި ގުޅިގެން މުޅި ޕެސިފިކް ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރެފިއެވެ.

ބައިނަލްއަގްވާމީ ނޫސް އޭޖެންސީތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ހުކުރު ދުވަހުގެ ހެނދުނު ނިއުޒީލެންޑް ކައިރީގައި އޮންނަ ކަރްމަޑެކް ރަށްތަކުގެ ކައިރިން ކަނޑުގެ ސަރަހައްދަށް ރިކްޓަރ މިންގަނޑުން 8.1 ގެ ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައެވެ.

Ad
rt

މުޅި ޕެސިފިކް ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރުނީ އެ ނިއުޒީލެންޑް ސަރަހައްދަށް ކައިރިކައިރީއައި ތިންވަނަ ބިންހެލުމުގެ ބާރު ގަދަވުމުގެ ސަބަބުންނެވެ. އެ ސަހައްދުތަކަށް ހުކުރު ދުވަހުގެ މެންދަމުން ފެށިގެން ފުރަތަމަ އައީ ރިކްޓަރ މިންގަނޑުން 6.9 ގެ ބިންހެލުމެކެވެ. އެއަށްފަހު 7.4 ގެ ބާރުގަދަ ބިންހެލުމެއް ވެސް ވަނީ އައިސްފައެވެ.

ފުރަތަމަ އައި ދެ ބިންހެލުމާއި ގުޅިގެން ނިއުޒީލެންޑްގެ ބައެއް ހިސާބުތަކަށް ސުނާމީގެ އިންޒާރު ނެރެފައިވާއިރު، ތިންވަމަ ބިންހެލުމުގެ ބާރުގަދަ ކަމުން، މުޅި ޕެސިފިކް ސަރަހައްދަށް ވަނީ ސުނާމީގެ އިންޒާރު ނެރެފަ އެވެ.

ޕެސިފިކް ސުނާމީ ވޯރނިންގ ސެންޓަރުން ބުނެފައިވާގޮތުން، ތިންވަނަ ބިންހެލުމުގެ ސަބަބުން ގާތްގަނޑަކަށް 3 މީޓަރުގެ އުސްމިނުގެ ރާޅުތައް އެރުމުގެ ފުރުސަތު ބޮޑެވެ. އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތައް ކަމަށްވާ ވަނުއާޓޫ، ނިއު ކެލެޑޯނިއާއާ ހަމައަށް ސުނާމީގެ ރާޅުތައް ފޯރާނެކަމަށް ބެލެވިފައި ކަމާބެހޭ އެ ސެންޓަރުން ލަފާކުރެއެވެ.

މީގެއިތުރުން ސުނާމީގެ ކުދި މިނުގެ ރާޅުތައް، ދުރު ހިސާބުގެ ގައުމުތައް ކަމަށްވާ ޖަޕާން، ރަޝިޔާ، މެކްސިކޯ، އަދި ދެކުނު އެމެރިކާގެ ގައުމުތަކުގެ އައްސޭރިފަށާ ހަމައަށްވެސް ފޯރާނެ ކަމަށް އެ ސެންޓަރުން ވަނީ ލަފާކޮށްފަ ވެއެވެ.

ސުނާމީގެ އިންޒާރާއެކު ނިއުޒީލެންޑްގެ ދަ ނޭސަނަލް އެމެޖެންސީ މެނޭޖްމަންޓް އޭޖެންސީ (އެންއީއެމްއޭ)އިން ވަނީ އައްސޭރިފަށް ސަރަހައްދުގައި ދިރިއުޅޭ އެއްވެސް މީހަކު ގޭގައި މަޑުނުކުރުމަށް އަންގާ އިންޒާރުކޮށްފައެވެ. އަދި އެހިސާބުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަމުރު ވަނީ ކޮށްފައެވެ.

ނިއުޒީލެންޑްގެ ސަރަހައްދުތަކަށް ކުރިން އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން އެއްވެސް މީހަކަށްވެސް އަދި ތަނަކަށްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކުރިން އައި ދެ ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރުވެސް ވަނީ އަނބުރާ ގެންގޮސްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.