ހއ. ކެލާގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން 12 ބިމެއް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގަން 2 ބިމެއް، ބީލަމަށް ހުޅުވާލައިފިއެވެ.
އެ ފުރުޞަތު ހުޅުވާލައި މިއަދު ކެލާ ކައުންސިލުން ކުރި ޢިއުލާންގައި ވަނީ އެ ބިންތަކުގައި ގެސްޓް ހައުސް، ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން، ކެލާ ކައުންސިލުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާން ދައުވަތު ދީފައެވެ. އެ ސެޝަން އޮންނާނީ އަންނަ މާރިޗް މަހުގެ 11 ވަނަ ދުވަހުގެ 13:00 ގައެވެ.
މި ސެޝަންގައި ބައިވެރިވާން އެދޭ ފޯމް ހުށަހަޅަން ހުޅުވާލާފައިވާ ސުންގަޑިއަކީ މާރިޗް މަހުގެ 9 ވަނަ ދުވަހުގެ 14:00 އާއި ހަމައަށެވެ.
މި ބިންތައްހޯދަން ބިޑް ހުށަހަޅަން ޖެހެނީ މާރިޗް މަހުގެ 25 ވަނަ ދުވަހުގެ 13:00 އަށެވެ.
އިތުރު މަޢުލޫމާތު ހޯދަން ބޭނުންފުޅުވާނަމަ ކެލާ ކައުންސިލްގެ އީ-މެއިލްkelacouncilidhara@gmail.com އަށް މެއިލް ކުރަށްވަން އެ ކައުންސިލުން ވަނީ އެދިފައެވެ. އަދި އޮންލައިން މައުލޫމާތު ސެޝަންގައި ބައިވެރިވުމަށް މި ލިންކް http://bit.do/fN6Lv ގައިވާ ފޯމް ފުރުވުމަށް ކެލާ ކައުންސިލުން އެދެއެވެ.
މި ބިންތައް ދޫކުރުމާއިގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރަށްވަމުން އެރަށު ކައުންސިލްގެ ރައީސް އާދަމް ޣުފްރާން ''ތިލަދުން''އަށް ވިދާޅުވެފައި ވަނީ، ކެލާ ކައުންސިލްގެ އަމާޒަކީ ކުރިއަށްއޮތް ދެ އަހަރެއްހާ ދުވަސްތެރޭގައި އެރަށުގައި ފަތުރުވެރިކަމުގެ 400 އެނދު ތަރައްގީ ކުރެވޭގޮތަށް ކަންކަން ފަހިކޮށް ދިނުން ކަމަށެވެ. އެކަމުގެ ސަބަބުން ކެލާ ރައްޔިތުންނަށް ތިޔާގިކަންލިބި، އުފާވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށް ދިނުމަކީ އެ ކައުންސިލްގެ އެންމެ ބޮޑު ވިސްނުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީއިން ވަނީ އެރަށު ތުނޑީ ސަރަހައްދުން 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ހުޅުވާލާފަ އެވެ. މި މަސައްކަތް ކާމިޔާބުކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ފެޑޯ އިންވެސްޓްމެންޓުންނެވެ.
މީގެ އިތުރުން ކެލާ ކައުންސިލުން ވަނީ އެ ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް އެރަށުގައި މެޑިކަލް ފެސިލިޓީއެއް ގާއިމްކޮށް ހިންގައި ދޭނެ ފަރާތެއް ހޯދަން ވެސް ޢިއުލާން ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!