ހދ. މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ، ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމް ''އެމްވައިއެމް ހޭންޑްބޯލް ޓްރައިނިން ކޭމްޕް 2021'' ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
މި ކޭމްޕް މަކުނުދޫގައި ކުރިއަށް ގެންގޮސްފައި ވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 15 އިން 25 އަށެވެ. މިކޭމްޕްގައި ޒުވާނުންގެ ބައިގެ ތަމްރީންތައް ކުރިއަށް ގެންގޮސްދެއްވީ ޕޮލިސް ސްޓާފް ސާޖަންޓް ޙުސައިން ޢަލީ އަދި ޙުސައިން ޖިނާހް އެވެ. ސްކޫލް ކުދިންގެ ބައިގެ ތަމްރީންތައް ކުރިއަށް ގެންގޮސްދެއްވީ ޙުސައިން ޢަލީ އަދި ޙުސައިން ޖިނާހްގެ އިތުރުން ނަދީމާ މުޙައްމަދު އަދި ފާޠިމަތު ޔާސްމިންއެވެ.
މި ކޭމްޕްގައި މަކުނުދޫގެ ދެ ޖިންސްގެ ޒުވާނުން ވެސް ބައިވެރިވެ ތަމްރީން ހޯދާފައިވާއިރު، ސްކޫލް ކުދިންނަށް ޚާއްޞަކުރެވިގެން ގެންދިޔަ ބައިގައި ބައިވެރިވެ މަކުނުދޫ ސްކޫލްގެ 57 ދަރިވަރަކު ވެސް ވަނީ ތަމްރީން ހޯދާފައެވެ.
މި ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެއެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ، މަތިއުތުރު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ، އިންސްޕެކްޓަރ އޮފް ޕޮލިސް ފާޠިމަތު ނަޝްވާއެވެ.

މި ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްކޮށް ދެއްވުމުގެ އިތުރުން، މަތިއުތުރު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ، އިންސްޕެކްޓަރ އޮފް ޕޮލިސް ފާޠިމަތު ނަޝްވާ ވަނީ ހޭންޑް ބޯލްގެ އިތުރުން ކަނބަލުންނަށް ޚާއްޞަ ޓީމް ބިލްޑިން ސެޝަންއެއް ވެސް ކުރިއަށް ގެންގޮސް ދެއްވާފައެވެ.
އެމްވައިއެމްގެ ރައީސް އަޝްފާގް އާދަމް ''ތިލަދުން''އަށް ވިދާޅުވީ، އެ ކޭމްޕް ކާމިޔާބު ކަމާއެކު ނިންމާލުމުގައި ގިނަ ބަޔެއްގެ އެހީތެރިކަން ލިބިގެން ދިޔަ ކަމަށެވެ.
މިގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއާއި، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާއި، މަކުނުދޫ ޕޮލިސް ސްޓޭޝަނާއި، ހޭންޑް ބޯލް މޯލްޑިވްސްއާއި، ކުޅުދުއްފުށީ ޑަބްލިޔު ސްޕޯޓްސް އެކަޑަމީއާއި، މަކުނުދޫ ސްކޫލާއި، މަކުނުދޫ ވިމެންސް ހޭންޑް ބޯލް ޓީމާއި އަދި ބަދަހި ޖަމިއްޔާގެ ނަން އަޝްފާގް ވަނީ ފާހަގަ ކުރަށްފާއެވެ. އަދި މަތިއުތުރު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ، އިންސްޕެކްޓަރ އޮފް ޕޮލިސް ފާޠިމަތު ނަޝްވާ ހިމެނޭހެން އޭނާ ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަށްވާފަ އެވެ.

އަޝްފާގް ވިދާޅުވީ، މި ކޭމްޕްގައި ކަނބަލުންގެ ފަރާތުން ލިބުނު ތަރުޙީބު ބޮޑުކަން ފާހަގަ ކުރެވުނު ކަމަށާއި، މިއީ އެޑްވާންސް ޓްރެއިނިން ތަކެއް ކަމުން ރަށުގައި ހޭންޑް ބޯލް ކުޅޭ ކުދީންގެ ހުނަރު އިތުރަށް ކުރިއަރައިގެން ދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.
މިފަދަ ކޭމްޕެއްގެ ތެރެއިން ވެސް އެންމެ ބޮޑަށް ބާރު އަޅުއްވަނީ ރިވެތި އަޚްލާޤަށް ހޭނި، އެ ގޮތުގައި ތަމްރީންވުންކަން ފާހަގަކޮށް، އެޖަމިއްޔާގެ ފަރާތުން ކުރިއަށް އޮތްތަނުގައި ވެސް އިތުރު ކުޅިވަރުތަކުން ތަމްރީން ޕްރޮގްރާމްތައް ހިންގަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފޮޓޯ: ވާސިފޮޓޯ
މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)އަކީ މަކުނުދޫގައި ހަރަކާތްތެރިކަމާއިއެކު އިޖުތިމާއީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން އެޖަމިއްޔާއިން ވޭތުވި އަހަރުވެސް ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އޭގެ ތެރެއިން މައިބަދާގައި ޓިއުމަރެއް އުފެދުމުގެ ސަބަބުން އިންޑިއާގައި ފަރުވާ ހޯދަމުންދިޔަ އެރަށު އުމުރުން 1 އަހަރުގެ ސާރާ ޝުރައިހް މުޙައްމަދަށް އެހީތެރިވުމަށް ''ސާރާއާއިއެކު މަކުނުދޫ'' ނަމުގައި އެ ޖަމިއްޔާއިން ވަނީ ނަމޫނާ ކާމިޔާބު ކެމްޕެއިނެއް ހިންގައި، އެ ކެމްޕެއިނުން ލިބުނު 146،785.45 ދިވެހި ރުފިޔާއާއި ،100 ޔޫއެސް ޑޮލަރާއި އަދި 4175 އިންޑިއަން ރުޕީސް ސާރާގެ ޢާއިލާއާއި ހަވާލުކޮށްފައެވެ. ދީނީ ދަރުސް ހަރަކާތް ހިންގުމުގެ އިތުރުން ގިރާއަތު ލެވެލް 2، ގާރީ ކޯހެއް ވެސް އެޖަމިއްޔާއިން އެރަށުގައި ހިންގާފައިވާއިރު، ކޯވިޑްގެ ތެރޭގައި ވެސް އެ ޖަމިއްޔާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
MYM Handball Training Camp ge Closing Ceremony
Thank you chief guest chief inspector of police Fathimath Nashwa....Posted by Makunudhoo Youth Movement on Friday, February 26, 2021
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!