ހދ. ހަނިމާދޫގައި ގާއިމުކޮށްފައި ހުންނަ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރއިން ފަރުވާ ހޯދަން ގޮސް ހުއްޓާ މިއަދު ނިޔާވި ޒުވާނާގެ ސާމްޕަލް ކޯވިޑަށް ނެގެޓިވް ކަމަށް ހަނިމާދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ ކައުންސިލްގެ ވަގުތީ އެސްޖީ އިބްރާޙީމް ޢަލީ ''ތިލަދުން''އަށް ވިދާޅުވީ އެ ޒުވާނާ ކޯވިޑަށް ޓެސްޓް ކުރުމަށް ނެގި ސާމްޕަލް ނެގެޓިވް ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ ހަށިގަނޑު މާލެ ފޮނުވާލުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

އެ ޒުވާނާ ނިޔާވެފައިވާކަން އެނގުނީ މިއަދު ހެނދުނުއެވެ. އެވަގުތުން ފެށިގެން ކަމާއި ގުޅުންހުރި އިދާރާތަކުން ދަނީ އެ ސެންޓަރުގައި ހަރަކާތްތެރި ވަމުންނެވެ.

އެ ޒުވާނާގެ ހަށިގަނޑު މިހާރު ހަނިމާދޫ ޞިއްޙީ މަރުކަޒަށް ބަދަލުކުރެވިފައިވާއިރު، ހަނިމާދޫގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ފޮރިންސިކް ފުލުހުން ވެސް އަންނަނީ ހަނިމާދޫގައި ހަރަކާތްތެރިވަމުންނެވެ.

އެެ ސެންޓަރުގައި މިއަދު ނިޔާވި ޒުވާނާ، އެ ސެންޓަރަށް ފަރުވާ ހޯދަން ގޮސްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

ހަނިމާދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރގެ ބަލަދުވެރިފަރާތް، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން އެކަމާގުޅިގެން ބުނެފައި ވަނީ އެ މަރުގެ އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން މިހާރު އެކަންކަން ބަލަމުން ގެންދާ ކަމަށެވެ.