ހދ. ހަނިމާދޫގައި ގާއިމުކޮށްފައި ހުންނަ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރއިން ފަރުވާ ހޯދަން ގޮސްހުރި ޒުވާނަކު ނިޔާވެއްޖެއެވެ.
ހަނިމާދޫ ކައުންސިލްގެ ވަގުތީ އެސްޖީ އިބްރާޙީމް ޢަލީ ''ތިލަދުން''އަށް ވިދާޅުވީ އެ ޒުވާނަ ނިޔާވެފައިވާ ކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގަތީ 11:45 ހާއިރު ކަމަށެވެ.
މިވަގުތު ހަނިމާދޫގައި ތިއްބަވާ ފުލުހުންނާއި، ހަނިމާދޫ ސިއްހީ މަރުކަޒުގެ ޓީމެއް އެތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށް އިބްރާޙީމް ވިދާޅުވިއެވެ.
''ކުއްލި ގޮތަކަށް އެކުއްޖާ މި ނިޔާވީ، ނިޔާވެފައި އޮއްވާ ފެނުނުކަމަށް މަޢުލޫމާތު ލިބެނީ، މިހާރު ކުޅުދުއްފުށީ ސިޓީން އެބަ އާދޭ ޚާއްޞަ ޓީމެއް ވެސް''
އިބްރާޙީމް ވިދާޅުވިއެވެ.
މިކަމާއިގުޅިގެން ފުލުހުން އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ހަނިމާދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ރަސްމީކޮށް ހުޅުވީ، އެންމެފަހުން އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު، 31 މާރިޗް 2019 ގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. އެ ސެންޓަރުގައި ފަރުވާ ފެށިފައި ވަނީ އޭގެ އަހަރެއްހާ ދުވަސް ފަހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!