ތ.ވޭމަންޑޫ އިންޖީނުގޭގައި އިއްޔެ ހިނގާދިޔަ އަލިފާނުގެ ހާދިސާއަށްފަހު އެ ރަށުން މެދުކެނޑިފައިވާ ކަރަންތުގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް ބާރަށް ކުރިއަށްދާ ކަމުގައި ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އިއްޔެގެ މެންދުރު ވަގުތުގައި ހިނގި މި ހާދިސާގައި ވޭމަންޑޫއަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ބޭނުން ކުރަމުންއައި ތިން އިންޖީނު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މީގެ ސަބަބުން މުޅި ރަށުން ވަނީ ކަރަންޓު ކެނޑިފައެވެ.

Ad
rt

މި ހާދިސާއަށްފަހު އެ ރަށުން ކަރަންޓްގެ ޚިދުމަތް ކެނޑުމާއި ގުޅިގެން އެކަން ހައްލު ކުރުމަށް ފެނަކައިން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން މިއަދުގެ ވަގުތެއްގައި ވޭމަންޑޫއަށް ކަރަންޓު ދިނުމަށް އެ އަތޮޅު ގުރައިދޫއިން 360 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ފެނަކައިން އެ ރަށަށް ގެންގޮސް ވަނީ މަސައްކަތް ފަށާފައެވެ.

އިއްޔެ ހިނގި މި ހާދިސާއާ ގުޅިގެން ރައްޔިތުންނަށް އެހީވާން ފެނަކައިގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު މުހައްމަދު ވެސް ވަނީ އެ ރަށަށް ވަޑައިގެންފައެވެ. ސައީދު ވަނީ އެ ރަށަށް ވަޑައިގެން، އެ ރަށުގެ އިންޖީނުގެ ހުރި ސަރަހައްދަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، އެކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަން ސައީދު ދެއްވިއެވެ.

އެރަށަށް އަލުން ކަރަންޓުދިނުމަށް ކުރިއަށްދާ މަސައްކަތުގައި ފެނަކަ އެމްޑީ ސައީދު ވަނީ އަމަލީގޮތުން ބައިވެރިވެލައްވާފަ އެވެ.